‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏ސާކް ‏‏ސެކްރެޓަރީ ޖެނެރަލް އަރްޖުން ބަހަދަރު ތާޕާ އިހްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ‏‏ރައީސް ޔާމީން ވަނީ، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާ ތާޕާ ‏‏ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭނާއަށް މަރްޙަބާ ‏‏ވިދާޅުވެފައެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ‏‏ގުޅުންތައް ބަދަހިކޮށް، ގައުމުތަކުގެ އިޖްތިމާއީ އަދި އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ‏‏ސާކުން އަދާކުރަމުން ގެންދާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ޖަމިއްޔާގެ ‏‏ކަންތައްތަކަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވި އެވެ.‏

ސާކުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ސާކުގެ ސެކްރެޓެރީ ޖެނެރަލާ މަޝްވަރާ ‏‏ކުރައްވައިފައެވެ.

އިއްޔެ ބޭއްވި އެބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ‏‏ފޮރިން ސެކްރެޓެރީ ޑރ. ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. ‏އަދި ސާކް ‏‏ސެކްރެޓޭރިއަޓަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ޑިރެކްޓަރު ފާޠިމަތު ‏‏ނަޖުވާ ވެސް އެބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.‏