ވެށިފަހި މާލެ ޕްރޮޖެކްޓް ތަންފީޒު ކުރެވޭނީ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފިކުރުހުރި ކައުންސިލަރުން ހޮވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލައްވާ ލުފްޝާން ޝަކީބުގެ )ލޫއްޕެ(ގެ ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެށިފަހި މޭލޭގެ ޕްރޮޖެކްޓް ހިންގުމުގެ މުގުލުގައި އޮންނާނީ މާލޭ ސިޓީ ކައުންސިލް ކަމަށެވެ.

އަދި ވިދާޅުވީ ވެށިފަހި މާލެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ތަސައްވުރާއި ފިކުރު ހުރި ކައުންސިލަރުން މާލެ ސިޓީއަށް ކޮންމެހެން ބޭނުންވާ ކަމަށާއި އެ ޕްރޮޖެކްޓް ތަންފީޒު ކުރެވޭނީ ވެރިކަން ކުރާ އެމްޑީޕީގެ ފިކުރުހުރި ކައުންސިލަރުން މާލޭ ސިޓީއަށް ހޮވައިގެން ކަމަށެވެ.

އެމްޑީޕީގެ ކެނޑިޑޭޓުން މާލޭ ސިޓީއަށް ހޮވައިފިނަމަ ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި އެމްޑީޕީން ވެފައިވާ ވައުދުގެ ތެރެއިން 3،000 ހައުސިން ޔުނިޓް މަސައްކަތް ވެސް ވަރަށް ފަށުއި ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެ ތަރައްގީ ކުރުމަށް ސަރުކާރުން ވިސްނާއިރު މާލޭގައި ނިކަމެތިން ތިބިހާ ހިނދަކު މާލެ ތަރައްގީ ނުކުރެވޭނެ ކަމަށާއި އެ ތަރައްގީ މާލެއަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދީފައިވާ ކަމަށެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ އުސޫލުތައް އެންމެ އެކަށޭނެ ގޮތުގައި ތަންފީޒު ކުރެވޭނީ ވެސް އެމްޑީޕީގެ ކެނޑިޑޭޓުން މާލޭ ސިޓީ ކައުންސިލަށް ހޮވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.