22 Aug 2014, 14:26
ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އަމުރެއްގެ ދަށުން ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ ތަކެތި ނުހިފެހެއްޓޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ މިދިޔަ އަހަރު މީރާއިން ބަލައި ފާސްކުރި ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ތަކެތި ހިފެހެއްޓުމުގެ ބާރާއި އިހްތިޔާރު މީރާއަށް ލިބިގެން ނުވާ ކަމަށް މިދިޔަ އަހަރުގެ މެއި މަހު ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކަމަށް ކަނޑައަޅައި ކުރި ހުކުމުގަ އެވެ.
މީރާއިން ވަނީ، ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން 2012 ވަނަ އަހަރުގެ ޑިސެންބަރު މަހު، ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރުގެ ނަމުގައި ހިންގާ ތިން ފިހާރައާއި ފުއާދު ޒާހިރުގެ ހިއްސާ އޮންނަ ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑް ހިންގާ އޮފީސް ފާސްކޮށްފަ އެވެ. އަދި މީރާ އިން ފުއާދު ޒާހިރުގެ މައްޗަށް ތުހުމަތުކުރާ ކުށް ސާބިތު ކުރުމަށް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ހެއްކާއި ގަރީނާ އެ އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދިއުމުން އެއީ ގާނޫނާ ހިލާފަށް މީރާއިން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ މައްސަލަ ޓްރެޝާ ބިޒް އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި އެވެ.
ސިވިލް ކޯޓުން އެ މައްސަލަ ނިންމަވައިފައި ވަނީ، ބަލައި ފާސްކުރެވޭ ތަނަކުން ތަހުގީގުގެ ބޭނުމަށް ތަކެތި ގެންދެވުނުކަމުގައި ވިޔަސް، ޓްރައިބިއުނަލްގެ އަމުރުގައިވާ މުއްދަތުގެ އިތުރަށް އެ ތަކެތި ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެން ނުވާ ކަމުގައެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓްރައިބިއުނަލުން ނެރޭ "ބަލައި ފާސްކުރުމުގެ އަމުރު" ނެރެވޭ އެންމެ ދިގު މުއްދަތަކީ 14 ދުވަހެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އަމުރުގެ މުއްދަތު ހަމަވުމަށް ފަހު، މީރާގެ ބެލުމުގެ ދަށުގައި ހުރި ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗަކީ އެ ކުންފުންޏަށް ވަގުތުން އަނބުރާ ރައްދުކުރަންޖެހޭ ތަކެތިކަމުގައި މަދަނީ މިންގަނޑުން ޝަރީއަތަށް ބުރަވެވޭ ކަމަށް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް މީރާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމްގައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ކުރައްވައިފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް އެ ގަޒިއްޔާ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގުވާ ކަމަށާއި، އެހެން ކަމުން ސިވިލް ކޯޓުގެ ހުކުމަކީ ބާތިލު ހުކުމެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލް ގަވާއިދުގެ 15 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމުން، މީރާއިން ހިންގާ ބަލައި ފާސްކުރުމެއްގެ ތެރެއިން، ބަލައި ފާސްކުރާ ތަނުން ފެންނަ ތަކެތި، އެ އޮތޯރިޓީން އެ ފަރާތުގެ މައްޗަށް ހިންގާ ތަހުގީގެއްގެ ބޭނުމަށް ނުވަތަ ޝަރީއަތަށް ހުށަހެޅުމުގެ ބޭނުމަށް މީރާގެ ބެލުމުގެ ދަށަށް ގެނެސް އެ ތަކެތި ހިފެހެއްޓުމަށް ގާނޫނީ ބާރު ލިބިފައިވާކަމާއި، އެ ތަހުގީގު ނުވަތަ ޝަރީއަތް ނިމުމުގެ ކުރިން އެ ފަދަ ހެއްކާއި ގަރީނާ އަނބުރާ އޭގެ ވެރި ފަރާތަށް ރައްދުކޮށްފިނަމަ، އެ ހެއްކާ ކުޅެ، ބަދަލު ގެނެސް، އެ ހެކި ނައްތާލުމުގެ ފުރުސަތު ލިބި އަދުލު އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ހުރަސް އެޅިދާނެކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް އިއްޔެ އެކޯޓުން ކުރި ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.