ވޮޝިންޓަން (އޮގަސްޓް 22) : އިރާގައި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާއަތަކީ އަލްގާއިދާއަށް ވުރެ ވެސް ބާރުގަދަ އަދި ނުރައްކާތެރި ޖަމާއަތެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލް ވާހަކަ ދައްކަވައިފި އެވެ.

އެމެރިކާގެ ސިފައިންގެ ކޮމާންޑަރު އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ އާއެކު ޕެންޓަގަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ހެގްލް ވިދާޅުވީ އައިއެސް އަކީ ފަސޭހައިން ބަލިކޮށްލެވޭ ވަރަށްވުރެ ބާރުގަދަ ޖަމާއަތެއް ކަމަށާއި ހަމައެކަނި ވައިގެ މަގުން ޙަމަލާތައްދީގެން އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް ނުލެވޭނެ ކަމުގަ އެވެ. ހެގްލް ވިދާޅުވީ އައިއެސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާއަތް ބަލިކޮށްލުމަށް ޓަކައި މެދުއިރުމަތީގެ ގައުމުތަކާ އެކު އެމެރިކާ ގެންގުޅޭ ސްޓްރެޓީޖިކް ގުޅުންތައް ގާއިމްކުރުމުގެ އުސޫލުތަަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމުގަ އެވެ.

މިގޮތުން އައިއެސް އާ ކުރިމަތިލުމަށް ޓަކައި ވަރަށް ފުޅާދާއިރާއެއްގެ ސްޓްރެޓެޖީތަކެއް އެމެރިކާ ރާވަންޖެހޭ ކަމަށާއި އައިއެސް އަކީ އަލްގާއިދާއަށް ވުރެ މުއްސަނދި އަދި އަލްގާއިދާއަށް ވުރެ ރޭވުންތެރި ޢަސްކަރީ ސްޓްރެޓެޖީތަކަކާއި ޓެކްޓިކްތަކެއް ގެންގުޅޭ ޖަމާއަތެއް ކަމުން އެޖަމާއަތް ބަލިކޮށްލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއްނޫންކަމަށްހެގްލް ވިދާޅުވި އެވެ.

އައިއެސް އިން ވަނީ އެޖަމާއަތާ ދެކޮޅަށް އެމެރިކާ ދިން ވައިގެ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާގެ ނޫސްވެރިއެއްގެ ކަރުބުރިކޮށްލާ މަންޒަރު ދައްކާ ވީޑިޔޯއެއް އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ހަގީގީ ވީޑިޔޯއެއް ނޫންކަމާއި އެއީ ބިރުދެއްކުމުގެ މަގްސަދްގައި އައިއެސް އިން އެޑިޓް ކޮށްފައިވާ ޕްރޮޕަގެންޑާ ވީޑިޔޯއެއް ކަމަށް ޝައްކު ކުރެވޭ ކަމަށް މިފަދަ ވީޑިޔޯތައް ދިރާސާކުރާ ތަޖްރިބާކާރުން ބުނެ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލްގެ މިބަޔާނަކީ އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމުގައި އެމެރިކާގެ ސިފައިންގެ ނުކުޅެދުންތެރިކަން ހުރިމިންވަރު ހާމަކޮށްދޭ ބަޔާނެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. އެމެރިކާ އިން އިއްޔެ ވެސް ވަނީ އިރާގުގައިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށްބުނެ އިރާގުގެ އުތުރުގެ ބައެއް ސަަރަހައްދުތަކަށް ވައިގެ ޙަމަލާތަކެއް ދީފަ އެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައުމުން އައިއެސްގެ މައްސަލަ ހައްލުވާނެ ކަމަށާއި އައިއެސް އަކީ އިރާގާއި ސޫރިޔާގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އުފަންވި ހަނގުރާމަވެރި ޖަމާއަތެއްކަމަށް ވެސް އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލްގް ވިދާޅުވި އެވެ. (އަލްއަރަބިއްޔާ)