22 Aug 2014, 12:15
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މަދަނީ ޖަމިއްޔާތަކުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރު އަލީ އާމިރު އެ ބޯޑަށް ހޮއްވެވުމަށް މަޖިލީހުގެ ރުހުން ދޭން ފެންނަ ކަމަށް ގައުމީ ސަލާމަތާބެހޭ ކޮމެޓީން ނިންމައިފި އެވެ.
މަދަނީ ޖަމިއްޔާތަކުން އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ތެރެއިން، ފާސްވާ މިންވަރަށް، 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ވެސް އާމިރަށެވެ. ކަނޑުހުޅުދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)ގެ ފަރާތުން އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި އާމިރަށް ލިބިވަޑައިގެންނެވީ 86.1 ޕަސެންޓް މާކުހެވެ.
އެލްޖީއޭ ބޯޑަށް މެމްބަރަކު އައްޔަން ކުރުމުގައި މަޖިލީހުން ބަލަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޜަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރި ގުޅުމެވެ.
އާމިރަކީ ސާނަވީ ތައުލީމު ދިނުމުގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގއ. އަތޮޅު ކައުންސިލުގެ ގެމަނަފުށީ ދާއިރާއަށް ކުރިމަތިލައްވައި އެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރައްވައި ތިން އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވެ އެވެ. ކައުންސިލަރުކަން ކުރެއްވި މުއްދަތުގައި އާމިރު ވަނީ ރާއްޖެއިން ބޭރުން ލާމަރުކަޒީ ނިޒާމާ ގުޅޭ ތަމްރީނުތަކެއް ހޯއްދަވާފަ އެވެ.
އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފާސްވާ މިންވަރަށް އާމިރަށް މާކްސް ލިބިވަޑައިގެންނެވުމުން، މަޖިލީހުގެ ރުހުން ހޯދަން އޭނާގެ ނަން ތަޅުމަށް ފޮނުވަން ފާސްވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އާމިރަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ނަމަވެސް ކޮމެޓީން އިންޓަވިއު ކުރެއްވި ހުރިހާ ބޭފުޅުންގެ ނަން ވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެވެ. ނަމަވެސް ތަޅުމުން ވޯޓަށް އަހާނީ މާކްސް ލިބިވަޑައިގެންނެވި ތަރުތީބުންނެވެ.
އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއަށް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ 10 ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ "ދި ޔޫތު މޫވްމަންޓް" އިން ކުރިމަތިލެއްވި ނ. ޅޮހި، ކަނީރުމާގެ، ހުސައިން ރިޔާޒާއި "ޖަމިއްޔަތުއް ސަލަފު" އިން ކުރިމަތިލެއްވި މއ. ބާބުލްވާދީ، އަބްދުﷲ މުހައްމަދާއި "ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮއިޓީ" އިން ކުރިމަތިލެއްވި ހއ. ހޯރަފުށީ، ބްލެސް އަހުމަދު ޝިހާދާއި "ހުވަދޫ އެއިޑް" އިން ކުރިމަތިލެއްވި ގދ. ހޯޑެއްދޫ، ޖޭމުގަސްދޮށުގޭ، އިމާދު މުހައްމަދާއި "ވޮއިސް އޮފް ވިމެން"އިން ކުރިމަތިލެއްވި ހއ. ހޯރަފުށީ، ދޭލިޔާގެ އިބްރާހިމް އިމާދާއި "ޕޭރެންޓްސް އެސޯސިއޭޝަން" އިން ކުރިމަތިލެއްވި މާދޭ ދަފަތްރު ނަމްބަރު 10963، ޖައުފަރު ރަޝީދާއި "ލިޔުންތެރިންގެ ގުޅުމުން" ކުރިމަތިލެއްވި ހ. ހުދުފިނިފެންމާގެ، ހަސަން ޝާކިރު މުހައްމަދާއި "މޯލްޑިވްސް ސިވިލްސާވަންޓް އެސޯސިއޭޝަން" އިން ކުރިމަތިލެއްވި ގއ. މާމެންދޫ، މޭނާގެ މުހައްމަދު ނަސީރު އަލީގެ އިތުރުން "އެސޯސިއޭޝަން އޮފް ކަލްޗާ އެންޑް ސޯޝަލް ކޯޕަރޭޝަން" އިން ކުރިމަތިލެއްވި މުހައްމަދު ގުބާދު އަބޫބަކުރެވެ.