22 Aug 2014, 11:46
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާ މިޑްފީލްޑަރު އެންޖަލް ޑި މަރިއާ އެ ކްލަބުން ވަކިވާން ބޭނުންވާ ކަމަށް ބުނެފި އެވެ. ޑި މަރިއާގެ އެ ނިންމުން ރެއާލްގެ ކޯޗު ކާލޯސް އެންޗެލޯޓީ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ ސީޒަންގައި ރެއާލަށް ޗެންޕިއަންސް ލީގު ތަށި ކާމިޔާބުކޮށް ދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކުރި ޑި މަރިއާ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އެވެ. އަދި މިސީޒަންގައި ޑި މަރިއާ އެ ކްލަބަކަށް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ ޔުނައިޓެޑެވެ.
ރެއާލް މެޑްރިޑްގެ ކޯޗު އެންޗެލޯޓީ ބުނެފައި ވަނީ ޑި މަރިއާގެ އެ ނިންމުމުގެ ސަބަބުން އެނާއަށް ކުއްލި ހައިރާން ކަމެށް ލިބުނު ކަމަށެވެ. އަދި ޑި މަރިއާއާއެކު ރެއާލުން ހަދައިފަވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ގ ނިޔަލަށް ކަމަށާއި އޭގެ ކުރިން ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށް ވެސް އެންޗެލޯޓީ ބުންޏެވެ.
ރެއާލްގެ ކޯޗު ވަނީ އެ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރަށް ކުޅޭ ޖަރުމަނުގެ ތަރި ސެމީ ކެދީރާ ވެސް އެ ޓީމާއެކު ހަދައިފަވާ އެއްބަސްވުން ހަަމަވާން އެއް އަހަރު ބާކީއޮއްވައި ޓީމުން ވަކިވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ބެލެވޭ ގޮތުން މި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ކެދީރާ ވިއްކާލާނެ އެވެ. އެހެން ނޫނަމަ ކެދީރާ ހިލޭ ޓްރާންސްފާއެއްގައި އަންނަ ސީޒަންގައި ބަދަލުވުުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ކާލޯސް އެންޗެލޯޓީ ވަނީ ޗެލްސީ އާއި ބަޔާންމިއުނިކް އަދި އާސެނަލްއިން ކެދީރާއަށް ޝައުގުވެރިކަން ފާޅުކޮއްފައިވާކަން ޔަގީން ކޮށްދީފަ އެވެ.