22 Aug 2014, 00:44
ދިރާގު ދިވެހި ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-0 ލަނޑުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، މަހިބަދޫއަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކީ އެ ޓީމުގެ ގައުމީ ޓީމު ފޯވާޑް ހުސައިން ނިޔާޒް (ބޮކުރީ) އަނިޔާގައި ހުރުމުގެ ސަބަބުން އޭނާއަށް މެޗުގައި ބައިވެރިނުވެވުމުވެ.
މިރޭގެ މެޗުގައި މާޒިޔާއިން މަހިބަދޫގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، މަހިބަދޫގެ ގޯލްކީޕަރު މުހައްމަދު ޖަޒުލާން ވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ކުޅެން ޖެހުމުން ދެ ޓީމަށް ވެސް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްލެވެ އެވެ.
މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގެ އެހީގައެވެ. މެޗުގެ 34 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ އަލީ ސަމްދޫހް ނަގައިދިން ހުރަހަކުން މާޒިޔާއަށް ލީޑު ނަގައިދިނީ އަމްދާން އަލީ (އެންޑީ) އެވެ.
އެ ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓް ފަހުން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. ސަމްދޫހް ނަގައިދިން ހުރަހަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓެ) އެވެ. އެ ލަނޑަށް ފަހު ވެސް މާޒިޔާއަށް ފުރުސަތުތަކެއް ލިބުނު އިރު، މަހިބަދޫއިން ވެސް ވަނީ ލީޑު ހަނިކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ.
ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 11 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު 11 މެޗުން ލިބުނު 28 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސެވެ. ކުޅުނު ދިހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ފަސް ވަނައިގައި އޮތް މަހިބަދޫއަށް 11 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ވިކްޓަރީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދިހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ދިހަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އޭވައެއެލް އާއި ބީޖީއަށް ވަނީ އަމިއްލަ ބާރު ގެއްލި، ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް ކްލަބު އީގަލްސް ނުކުންނަ އިރު، މާދަމާ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.