ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މާލޭގެ ގެއެއް މިރޭ ބަލައި ފާސްކޮށްފި އެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 9:15 އެހާކަންހާއިރު ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މއ. ބުލްބުލާގެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގެ ބަލައި ފާސްކޮށްފައި ވަނީ ސީދާ ރިޟުވާން ގެއްލުނު މައްސަލައިގައި ކަން ނުވަތަ ނޫން ކަން މިވަގުތު ހާމަކުރެވެން ނެތް ކަމަށާއި ތަފާތު މައްސަލަތަކާ ގުޅިގެން ފުލުހުން އަބަދު ވެސް މާލޭގެ ގެތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

ރިޟުވާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން 'ސަން' އިން ތަކުރާރުކޮށް ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ރިޟުވާން އަދި ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށެވެ.

ރިޟުވާލް ގެއްލިގެން އާއިލާ އިން މިމަހުގެ 13 ވަނަ ދުވަހު ގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރިފަހުން ހުޅުމާލެ އާއި މާލޭގެ އިތުރުން ކަނޑުގެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާ އެކު އަންނަނީ ކުރަމުންނެވެ.