17 Jan 2011, 00:13
އިނގިރޭސި ޕްރެމިއާ ލީގްގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެހަމް ބައްދަލު ކުރި ފޯރި ގަދަ މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ހަމަހަމަވެގެން ނިމިއްޖެ އެވެ.
ލަންޑަން، ވައިޓްހާޓް ލޭންގައި މެޗް ފެށުނުނީއްސުރެ ތަކުރާރުކޮށް ކުށް ކުރަމުން ދިޔަ މެންޗެސްޓާގެ ބްރެޒީލްގެ ޑިފެންޑަރު ރަފޭލްއަށް ރެފްރީ މައިކްޑީން ދެވަނަ ރީނދޫ ކާޑެއް ދައްކައި މެޗްގެ 73 ވަނަ މިނެޓްގައި ދަނޑުން ފޮނުވައިލި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެސް ޓޮޓެންހަމް އިންނެވެ.
ޓޮޓެން ހަމް އިން ނުރައްކާތެރި ހަ ހަމަލާއެއް މެންޗެސްޓާގެ ގޯލަށް އަމާޒުކޮށް ފޮނުވައިލިއިރު މުޅި މެޗްގައި ވެސް ޓޮޓެންހަމްގެ ޕްލޭމޭކާ ކްރޮއޭޝިޔާގެ ލްކަ މޯޑިކް ހިފެހެއްޓުމުގައި މެންޗެސްޓާއަށް އޮތީ އުނދަގޫތައް ކުރިމަތިވެފަ އެވެ.
މެންޗެސްޓާއިއިން ދީފައި ވަނީ ހަތަރު ހަމަލާ އެވެ.
ހާއްސަކޮށް ޓޮޓެންހަމްގެ ބެނޮއިޓް އޮސޫއަށް ރަފޭލް ފައުލު ކުރުމާ ގުޅިގެން ދަނޑުން ފޮނުވާލި ހިސާބުން މެންޗެސްޓާގެ ފަހަތުގެ ތަރުބީތު ގެއްލި، ލަނޑުޖައި މޮޅުވާނެ ފުރުސަތުތައް ވެސް ޓޮޓެންހަމް އަށް ލިބުނެވެ. މެޗު ނިމެންދެން ވެސް މެންޗެސްޓާ އުޅުނީ ހާސް ކަމުން ސަލާމަތް ނުވެވިގެނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި މެންޗެސްޓާއަށް، އަށް ގޯލު ޖަހައިދީފައި ޓޮޓެންހަމްގެ ކުރީގެ ފޯވްޑް ޑިމިޓާ ބާބަޓޯފަށް މާކަ ބޮޑުވަރެއް ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ 72 މިނެޓްގައި ޓެކްޓިކަލް ބަދަލެއްގެ ގޮތު ބާބަޓޯފް ބަދަލު ކުރަންދެން ވެސް އޭނާގެ ކުޅުމެއް ނުފެނެ އެވެ.
ސާ އެލެކްސް ފާގަސަންއަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ޓޭބަލްގެ ކުރިގައި އޮވޭވޭ ގޮތްވުމުން އޭނާއަށް ހާސް ކަމެއް ނެތެވެ.
ޖުމްލަ 45 ޕޮއިންޓާއެކު މެން ސިޓީ އާއި މެންޗެސްޓާ ޔުނައިޓް ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައި ވީނަމަވެސް މެންޗެސްޓާ ޔުނައިޓެށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
އެންމެ ފަހުން މެންޗެސްޓާއާއެކު ލީގުގައި ކުޅުނު 23 މެޗުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 19 ލީގު މެޗާއި އެފްއޭކަޕުގައި ކުޅުނު ދެ މެޗަކާއި ލީގު ކަޕުގައި ކުޅުނު ދެ މެޗެކެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު 37 މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވީ އެންމެ ތިން މެޗުންނެވެ.
މެޗުން މޮޅު ނުވެވުނު ނަމަވެސް މެންޗެސްޓާގެ ރަޔާން ގިގްސް ވަނީ އޭނާގެ 600 ވަނަ މެޗް ހަމަކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެހެން މެޗްތަކަށް ބަލާއިރު އެހެން މެޗްތައް ވެސް ނިމުނީ ހަމަހަމަވެގެނެވެ. އެވަންޓަން ދެކޮޅަށްޅެ ލިވަޕޫލް އެއްވަރުކުރީ 2- 2 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލް އާއި ސަންޑަލޭންޑް 1-1 އިން ހަމަހަމަވި އިރު ބާމިންހަމް އާއި އެސްޓަން ވިލާގެ މެޗްވެސް ނިމުމީ އެ ނަތީޖާއިންނެވެ.