21 Aug 2014, 23:33
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލުނު މައްސަލާ އާއި މީޑިއާތަކަށް ދިމާވާ ނުރައްކާތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ މީޑިއާތަކުގެ އިސް ވެރިންނާއި ނޫސްވެރިން މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ ބޮޑެތި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން މިރޭ މާލޭ ސިޓީ ހޯލުގައި ބޭއްވި ބައްދަލުވުމެއްގައި ހުރިހާ ނޫސްވެރިން ވެސް ވަނީ ނޫސްވެރިންނަށް މިހާރަކަށް އައިސް ދެމުން އަންނަ ހަމަލާތަކާއި އިންޒާރުތަކަށް އަލި އަޅުވާލައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ހުއްޓުވުމަށް މީޑިއާތައް ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ރިޟުވާން ގެއްލުނު މައްސަލާގަޔާއި ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ. ރިޟްވާންގެ މައްސަލައާއި ނޫސްވެރިންނަށް ދިމާވާ ނުރައްކާތަކަށް ހައްލެއް ހޯދަން ނޫސްވެރިންގެ ތެރެއިން ގްރޫޕެއް ނަގައިގެން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ދިއުމަށް ހިރިގާ ހުށަހެޅުއްވި އެވެ.
ދިޓީވީގެ ސީއީއޯ، މިދުހަތު އާދަމް ވިދާޅުވީ ރިޟްވާނަކީ ކާކުކަން އާމުންނަށް އަންގައިދިނުމުގެ ގޮތުން ޓިވީ އަދި އޮންލައިންތަކުގައި ސްޕޮޓްތަކެއް ދައްކައިގެން ހޭލުންތެރިކުރުމުން މުހިންމު ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރިޟްވާނަށްވީ ކިހިނެއްކަން އެނގި އޭނާ ފެނުމުގެ ފުރުސަތު ވެސް ފަހިވެގެން ހިނގައިދާނެ ކަމަށް މިދުހަތު ވިދާޅުވި އެވެ.
ހަވީރު ނޫހުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ހުސައިން ފިޔާޒު މޫސާ ވަނީ ރިޟްވާން ގެއްލުު މައްސަލައާ ގުޅޭ ގޮތުން މީޑިއާތަކުން ގިނަ ރިޕޯޓްތަކަކާއި ހަބަރުތަކެއް ގެނައުން މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެ މައްސަލާގައި ވީހާ ވެސް އަވަހަކަށް މީޑިއާތަކުން ގުޅިގެން ފިޔަވަޅުތައް އެޅުމަށް ފިޔާޒު ގޮވާލެއްވި އެވެ.
ރާއްޖެޓީވީގެ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ "ނޫސްވެރިންގެ ހައްގުގައި މަގުމައްޗަށް ނުކުންނަން މިހާރު ވެސް މާ ލަސްވެއްޖެ" ކަމަށާއި "އެންމެން ނުކުމެ ނޫސްވެރިންގެ ހައްގުގައި ތިބިކަން ދައްކަންޖެހޭ" ކަމަށެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ވިދާޅުވީ ޑިއާތަކަށް ގިނަ އިންޒާރުތަކަކާއި ހަމަލާތަކެއް އަންނަމުންދާ އިރު އެކަންކަން ހައްލުކުރުމަށް ހުރިހާ މީޑިއާތަކަކުން ގުޅިގެން މީޑިއާ ކެމްޕެއިންތަކެއް ހާއްސަ ޝިއާރުތަކަކާ އެކު ނުކުންނަން ޖެހޭ ކަމަށެވެ.
މި ރޭގެ އެ ބައްދަލުވުން ނިންމާލީ ރިޟްވާން މައްސަލާގަޔާއި މީޑިއާތަކަށް ދިމާވާ ނުރައްކާތަކާ ގުޅޭ ގޮތުން އިތުރަށް ކުރަން ޖެހޭ ކަންކަން ރޭވުމަށް ދެ ކޮމެޓީއެއް އެކުލަވާލުމަށް ފަހު އެވެ.