21 Aug 2014, 23:11
މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން މިރޭ އިރާކޮޅު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑުގަދަވެފައިވާތީ، މޫސުމަށް ސަމާލުވުމަށް އެދި ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިރޭ ނެރުނު ޔެލޯ އެލާޓުގައި ބުނެފައި ވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ އިރާކޮޅު ތިން ގަޑިއެއްގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެނެ ކަމަށެވެ.
މެޓް އޮފީހުން ނެރުނު އެލާޓާ ހަވާލާދީ ޑިޒާސްޓަރު މެނޭޖުމަންޓް ސެންޓަރުން ބުނީ މިރޭ އިރާކޮޅު 8:45 އިން ފެށިގެން މިރޭ 11:45 އަށް ރާއްޖޭގެ އުތުރުން ހއ. ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
"ކުރިއަށް އޮތް ވަގުތުތަކުގައި އާދަޔާ ހިލާފަށް ވައި ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި، ވައި ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކަށް ސަމާލުވެ، ތިބުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރުމަށެވެ،" ޑިޒާސްޓަރު މެނޭޖުމަންޓް ސެންޓަރުން ބުންޏެވެ.
ޔެލޯ އެލާޓަކީ ކާރިސާއެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް ކުރާ އިލްތިމާސެކެވެ.