އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ މާރިއޯ ބަލަޓޮއްލީ މިލާނުގައި މަޑުކުރާނެ އެންމެ ފަހު ދުވަސް ކަމުގައި ބުނެފި އެވެ.

އިޓަލީގެ މީޑިއާ އާ ހަވާލާދީ ރިޕޯޓްތަކުން ބުނާގޮތުން މިލާނުންވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލުން ހުށެހެޅި 16 މިލިއަން ޕައުންޑަށް އެއްބަސްވެ، އެކްލަބަށް އޭނާ ދޫކޮށްލުމަށް ނިންމައިފަ އެވެ.

ސަކައި އިޓާލިޔާއަށް ދިން އިންޓަވިއުއެއްގައި ބަލޮޓެއްލީ ބުނީ، މިއަދަކީ އޭނާ މިލާންގައި މަޑުކުރާނެ އެންމެ ފަހުދުވަސް ކަމުގަ އެވެ.

ބަލަޓޮއްލީގެ އެޖެންޓް މިނޯރިއޯލާ ވަނީ އިއްޔެގެ ވަގުތެއްގައި ޓްރާންސްފާގެ ކަންތައް ނިންމުމަށްޓަކައި އިނގިރޭސިވިލާތަށް ގޮސްފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ލިވަޕޫލްގެ ކޯޗު ބޮޑަށް ބޭނުންވަނީ ބަލަޓޮއްލީ ލޯނު އުސޫލުގެ ދަށުން އެޓީމަށް ގެނައުމަށެވެ. ލަވަޕޫލުން ބަލަޓޮއްލީއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ މިދިޔަ މަހެވެ.

ބަލަޓޮއްލީ ވަނީ މީގެ ކުރިން އިނގިރޭސި ކުލަބް މެންޗެސްޓާ ސިޓީއަށް ވެސް ކުޅެފައެވެ. 2012 ވަނަ އަހަރު މިލާންއާ ގުޅުމަށް ފަހު 54 މެޗު ކުޅެ، އޭނާ ވަނީ 30 ލަނޑު ކާމިޔާބުކޮށްފަ އެވެ. ހަމައެހެންމެ ސިޓީ އަށް ވެސް ވަނީ މި އަދަދަށް އޭނާ ލަނޑު ޖަހައިފަ އެވެ. އެކަމަކު އެއީ ސިޓީއަށް ކުޅުނު 80 މެޗުންނެވެ. ބަލަޓޮއްލީ ވަނީ 2 ގައުމެއްގައި 4 ތަށި ކާމިޔާބުކޮށްފަ އެވެ.