ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ ކުރީގައި އޮއްވައި، ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވެލެންސިއާ އާ ބައްދަލުކޮށް ނިއު މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ނިއު އިން މޮޅު ކުޅުމެއް ދެއްކި އިރު، ވެލެންސިއާ އިން ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ވެލެންސިއާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޝާން (ކާނޫ) އެވެ. އަލީ ނަވާއު ދިން ބޯޅައަކުން ނިއުގެ ގޯލަށް ކާނޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ވެލެންސިއާއަށް އެ ލީޑުގައި މާ ގިނައިރުތަކެއް އޮވެ ވޭގޮތެއް ނުވި އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެސްކޮބާ ކާމޯނާ މަނުއެލް ޑޭވިޑެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުގެ ފަރާތުން ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ 63 ވަނަ މިނެޓްގައި ވެލެންސިއާގެ މުހައްމަދު ނާއިހް ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުން ނިއުއަށް ޕެނަލްޓީއެއް ލިބުނެވެ. ނިއުއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރެވެ.

އޭގެ މިނެޓެއް ފަހުން ނިއުއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އުމައިރުގެ ރީތި ބޯޅައަކުން ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސެންޓޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުރިއަށް ނުކުމެ ހުރި ވެލެންސިއާގެ ގޯލްކީޕަރު ހުސައިން ހަބީބު (ހަބީ)ގެ ބޯ މަތިންނެވެ. މިއަދުގެ މެޗުގައި ހަބީ ކުޅެން ނުކުމެފައި ވަނީ އެ ޓީމުގެ އެއް ނަންބަރު ކީޕަރު އިބްރާހިމް އިފްރާހް އަރީފް ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުންނެވެ.

ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 11 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ދިހަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސެވެ. ކުޅުނު ދިހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ފަސް ވަނައިގައި އޮތް މަހިބަދޫއަށް ވެސް ދިހަ މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ވިކްޓަރީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދިހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ދިހަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އޭވައެއެލް އާއި ބީޖީއަށް ވަނީ އަމިއްލަ ބާރު ގެއްލި، ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.