21 Aug 2014, 17:45
ލިންޓެލް އިންވެސްޓްމަންޓާއި ގުޅިގެން ދިރާގުން މިއަހަރުގެ ވޯލްޑްކަޕާ ދިމާކޮށް ކުރިއަށް ގެންދިޔަ "އެސްއެމްއެސް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި އެ ނަސީބުވެރިންގެ އިނާމުތައް މިއަދު ހަވާލުކޮށްފި އެވެ.
ތިން ފަރާތަކަށް އަގު ހުރި އިނާމުތަކެއް ލިބޭ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައި ވަނީ މިމަހު 18 ވަނަ ދުވަހުގެ ރޭ ޓީވީއެމް އިން ލައިވްކޮށް ގެނެސްދިން "މިވަގުތު" ޕްރޮގްރާމުގަ އެވެ. އެ ޕްރޮގްރާމްގައި ނަސީބުވެރިން ހޮވުމަށްފަހު އެ ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްފައި ވަނީ މިއަދު މަޖީދީމަގު ލެކިއުޓް ފިހާރައިގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ.
ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ލިންޓެލް އިންވެސްޓްމެންޓްގެ ފަރާތުން 37 އިންޗީގެ "ޕެނަސޮނިކް ތުރީޑީ ޓީވީ"އެއް ހުށައަޅާފައިވާއިރު އެ އިނާމުގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ސ. ހިތަދޫ ފަރުދާބަގީޗާގެ، އަބްދުﷲ ހަސަނެވެ. ދެ ވަނަ އިނާމަކަށް ހުށަހަޅާފައިވާ "ތުރީޑީ އެޗްޑީ ޕްރޮޖެކްޓަރު"ގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ ރ. އުނގޫފާރު ހުވަނދުމާގެ، ސައިފުﷲ އަބްދުލް ނާސިރެވެ. ތިން ވަނަ އިނާމެއްގެ ގޮތުގައި ހުށަހެޅި "ޕެނަސޮނިކް ހޯމް ތިއޭޓާ ސިސްޓަމް"ގެ ނަސީބުވެރި ފަރާތަކީ ގދ. ގައްދޫ ދަނބުރުއްދޮށުގެ، އައިޝަތު ސީމާ އެވެ.
އިނާމުތައް ހަވާލުކޮށްދެއްވުމަށްފަހު ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ހާއްސަކޮށް ފުޓްބޯޅައަށް ދިވެހިންނަކީ އަބަދުވެސް ވަރަށް ޝައުގުވެރިކަން ހުންނަ ބައެއް ކަމަށާއި ދިރާގުން މަސައްކަތް ކުރީ ވޯލްޑްކަޕް ފަދަ މުބާރާތަކަށް ގުޅޭފަދަ އިނާމުތަކެއް ދިނުމަށް ކަމަށެވެ. އެގޮތުން މިފަހަރުގެ ޕްރޮމޯޝަންގައި އެ ތިން އިނާމު ހޯދުމަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި "ދިރާގު ރޯދަ ބޮޑު ހަދިޔާ"ގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ މިރޭ 10:00 ގައި ޓީވީއެމްގައި ކަމަށެވެ. ލައިވް ކުރުމަށް ހަމަޖެހިފައިވާ އެ އިވެންޓުގައި ދިރާގު ރޯދަ ބޮޑު ހަދިޔާ ލިބޭ ފަރާތަކަށް 500،000 ރުފިޔާ ލިބޭނެ އެވެ.