އިސްލާމްއާބާދު: އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ބާރުތަކަށް ބޭނުންވާ ތެލާއި އެނޫންތަކެތީގެ ސަޕްލައިތައް ހިފައިގެންދިޔަ 18 ލޮރީއެއް، ޕާކިސްތާނުގެ ހަތިޔާރުއެޅި ފަރާތްތަކުން އަންދާލައިފިއެވެ. ޕާކިސްތާނުގެ ޖިޔޯ ޓީވީ ނެޓްވާކް ބުނިގޮތުގައި ހަތިޔާރުއެޅި ފަރާތްތަކުން މިތަކެތި އަންދާލީ ނޭޓޯއަށާއި އެމެރިކާއަށް ގެއްލުން ދިނުމުގެ މަޤްސަދްގައެވެ. މި 18 ލޮރީގައި ހުޅުޖަހައި އަންދާލުމުގެކުރިން ހަނގުރާމަވެރިން އެސަރަޙައްދުން ޢާންމުން ދުރަށްގެންދިޔަ ކަމަށްވެސް ޖިޔޯ ޓީވީ ބުނެއެވެ. މިލޮރީތައް އަންދާލާފައިވަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ގައެވެ.

މިޙާދިސާގައި މިލޮރީތައް ދުއްވަންތިބި ޑްރައިވަރުންގެ މީހަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ބާރުތަކަށް ބޭނުންވާ ތެލާއި އެނޫން ތަކެތި ޕާކިސްތާނުގެ މަގުން ސަޕްލައިކޮށްދޭ ޓްރެކް ނުވަތަ ލޮރީތަކަށް ޢާންމުގޮތެއްގައި ޙަމަލާތައްދެމުން ގެންދަނީ ޕާކިސްތާނުގެ ތާލިބާނުންނެވެ. މިގޮތުން މިދިޔަ އޮކްޓޯބަރުމަހު އެކަނިވެސް ތާލިބާނުން، ނޭޓޯގެ 170 ލޮރީއާއި މިލޮރީތަކުގައިވާ ސަޕްލައިގެ ތަކެތި އަންދާލާފައިވެއެވެ. މިތަކެތީގެ އަގު އެތަށް މިލިޔަން ޑޮލަރަކުން ގުނާލެވެއެވެ. -- ޖަވާދު