21 Aug 2014, 17:23
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް އިސްލާޙު ހުށަހަޅައިފި އެވެ.
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލީއްޔަތު ގާނޫނަށް އިސްލާޙު ހުށަހަޅުއްވާފައި ވަނީ ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.
އެ ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައުދު ވިދާޅުވެފައި ވަނީ މިހާރު މާލީއްޔަތު ގާނޫނު އޮތް ގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާއި ދައުލަތުގެ މުދަލެއް ވިއްކުމާއި ކުއްޔަށް ދިނުމާއި ދައުލަތުގެ ނަމުގައި އެއްވެސް އެހީއެއް ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އޮތުމުން ދައުލަތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ ވެސް މާލީއްޔަތު ގާނޫނަށް އެ އިސްލާޙް ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ސައުދު ވިދާޅުވެފައިވެ އެވެ.
މާލީއްޔަތު ގާނުނުގެ ފަސް ވަނަ މާއްދާއަށް ސައުދު ހުށަހަޅުއްވާފައިވާ އިސްލާޙުގައި ބުނެފަައިވާ ގޮތުން ސަރުކާރުގެ ވުޒާރާއަކުން ދައުލަތުގެ ނަމުގައި ލޯނެއް ނަގާ ކަމުގައިވާނަމަ މަޖިލީހުން ރުހުން ހޯދުމުގެ ބަދަލުގައި އެކަމުގެ ހުއްދަ ހޯއްދަވަން ޖެހޭނީ މާލީ ވަޒީރުގެ އަރިހުންނެވެ.
"ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ނުވަތަ ގެރެންޓީއެއް ދިނުމަށް ހުށަހަޅަންޖެހޭ ކޮންމެ ހުށަހެޅުމެއް ހުށަހަޅާނީ ދައުލަތުގެ މާލީއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރަށެވެ" ސައުދު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
މާލީއްޔަތު ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ލާޒިމެވެ. މާލިއްޔަތު ގާނޫނުގައި އެގޮތަށް ލާޒިމްކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން މަޖިލީހަށް ހުށަހެޅި އިސްލާހަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.
ޑީއާރްޕީ އާއި ޕީއޭގެ އިތުރުން މިނިވަން މެމްބަރުންގެ އަގުބަލިއްޔަތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވެ، ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ އޯގަސްޓް 26، 2010 އެވެ. އޭގެ ކުރިން މާލިއްޔަތު ގާނޫނުގެ ދަށުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ލޯން ނަންގަވާފައި ވަނީ މަޖިލީހުގެ ހުއްދައެއް ނެތި އެވެ. ދައުލަތުން އޭރު ދަރަންޏަށް ފައިސާ ނަގަން ޖެހެނީ މާލީ ވަޒީރުގެ އަރިހުންނެވެ.