21 Aug 2014, 16:21
ލަނގުވާ ތަކެއްޗާއި ހޮވާ ތަކެތީގެ ވެރި ފަރާތެއް ހޯދުމަށް 30 ދުވަހުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރަން ލާޒިމްކޮށްފި އެވެ.
ލަނގުވާ އެއްޗެހީގެ ވެރިފަރާތް ހޯދަން 30 ދުވަހުގެ ތެރޭ އިއުލާން ކުރަން ލާޒިމް ކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނަށް" ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވުމުންނެވެ.
ރައްޔިތުން މަޖިލީހުން މި މަހުގެ 12 ވަނަ ދުވަހު ފާސްކޮށްފައިވާ އެ އިސްލާހު ރައީސް ތަސްތީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ އެ އިސްލާހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
1996 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ލަނގުވާ ޗަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ލަނގުވާ ތަކެއްޗާއި ހޮވައި ތަކެތީގެ ވެރި ފަރާތެއް ހޯދުމަށް ލަސްނުކޮށް އިއުލާން ކުރަންވާނެ ކަމަށެވެ. ނަމަވެސް އިއުލާން ކުރަން ވާނެ މުއްދަތެއް ބުނެފައިނުވެ އެވެ.
އޭގެ އިތުރުން ލަނގުވާ ޗަކެއްޗާއި ހޮވާ ތަކެތީގެ ވެރިފަރާތެއް ވޭތޯ ބެލުމަށްފަހު އެއް އަހަރު ދުވަހު ތެރޭގައި އޭގެ ވެރި ފަރާތެއް ނެތިއްޖެ ނަމަ އެއީ ދައުލަތުގެ އެއްޗެއް ކަމަށާއި އެކަން ކަނޑައަޅާނީ ޝަރީއަތުން ކަމަށް އެ މާއްދާގައި ވަނީ ކަނޑައަޅާފަ އެވެ.