ބަޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒޭއަށް އިހްތިރާމުކުރަން ޖެހޭ ކަމަށް ބޮރޫސިއާ ޑޯޓްމަންޑްގެ ސީއީއޯ ހާންސް ޔޯކިމް ވަޓްޒްކޭ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޑޯޓްމަންޑް ދޫކޮށް، މިދިޔަ އަހަރު ބަޔާންއާ ގުޅިފައިވަނީ 37 މިލިއަން ޔޫރޯގެ އަގަކަށެވެ. ބަޔާންއާ ގުޅުމުން ގޮޓްޒޭއަށް ވަނީ ޑޯޓްމަންޑްގެ ސަޕޯޓަރުންގެ ފަރާތުން ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

"ހަގީގަތަށް ބުނާނަމަ، ޖަރުމަން ސުޕަ ކަޕްގައި ކްލަބުގެ ސަޕޯޓަރުން ގޮޓްޒޭއަށް ކަންތައް ކުރި ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅުގޮތެއް ނޫން،" 'ޑާ ވެސްޓެން' އަށް ދިން އިންޓަވިއުއެއްގައި ވަޓްޒްކޭ ބުންޏެވެ. "އޭނާއަކީ ޑޯޓްމަންޑްގެ ޔޫތު ޓީމުން ތަމްރީނުވެ، ސީނިއާ ޓީމަށް ވެސް ކުޅުނު ކުޅުންތެރިއެއްކަން ސަޕޯޓަރުން ދަންނަން ޖެހޭ. އޭނާއަށް އެއަށްވުރެ ބޮޑު އިހްތިރާމެއް ހައްގު."

ބަޔާންއާ ގުޅުމުގެ ކުރިން ޑޯޓްމަންޑްގެ ސީނިއާ ޓީމުގައި ގޮޓްޒޭ ހޭދަކުރި ހަތަރު އަހަރު ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 116 މެޗު ކުޅެ، މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފަ އެވެ.