ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ އާއި ހ. އެވާޕީސް، އަބްދުﷲ ސަފްވަތު ބުނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށެވެ.

ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް އެ ދެ މީހުންނަށް ދިނުމަށްފަހު ގާޒީ ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.

ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.

މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.

އެ ދެ މީހުންގެ ތެރެއިން އިސްމާއީލް މޫސާގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އިސްމާއީލް މޫސާގެ މައްޗަށް އުފުލާފައި ވަނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު، އޭނާ ނިދާ އެނދުގެ ހެޑްބޯޑުމަތިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ފެނިފައިވާތީ ކަމަށެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން އަންހެން ހައްޓަކާއި ފަސް ފިރިހެން ހަށި ފެނިފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އިސްމާއީލް މޫސާ ބުނީ އެ ދައުވާ އަށް ޖަވާބުދާރީ ވާނީ ވަކީލަކު އައްޔަން ކުރުމަށްފަހު ކަމަށެވެ.