ސަމާ އައިލެންޑް ރިޒޯޓް ކައިރިއަށް ވިއެޓްނާމްގެ "ވިއެޓްލޯންގް" ނަމަކަށް ކިޔާ އާގުބޯޓު އެރުމުގެ ސަބަބުން ލިބުނު 500 މިލިޔަން ރުފިޔާގެ ގެއްލުމުގެ ބަދަލުގައި 61 މިލިޔަން ރުފިޔާ ގަބޫލުކޮށް، އެ އަދަދު ހޯދާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރް އަބުދުއްރަޝީދު ނާފިޒް މިއަދު 'ސަން'އަށް ވިދާޅުވީ، ބޯޓު ފަރަށް އެރުމުގެ ސަބަބުން 500 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ނަމަވެސް އެއަށް ވުރެ ކުޑަ އަގެއް ސަރުކާރުން ގަބޫލު ކުރީ އެއްވެސް ބަދަލެއް ނުލިބުމުގެ ފުރުސަތު ބޮޑުވީމާ ކަމަށެވެ.

"... ބޯޓު އެރުމުގެ ސަބަބުން ލިބުނު ގެއްލުން އަގު ކުރީ އީޕީއޭއިން. އެގޮތުން އަގު ކުރި އިރު އެއަގު 500 މިލިއަނަށް އަރާ. އެހެން ނަމަވެސް ބޯޓު ދުއްވާ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އެ އަގު އެ މީހުންނަކަށް ދެއްކޭކަށް ނެތް. ދެން ދާން ޖެހޭނީ ކޯޓަށް. އެއީ ވަރަށް ދިގުލައިގެންދާނެ މަރުހަލާއެއް. ވަރަށް ބޮޑަށް ބެލެވެނީ އެ އަގު އެކުންފުނިން ނުހޯދޭނެ ކަމަށް. އެހެންވެ، ނެގޯޝިއޭޓް ކުރީ. ދެން އެ ބޯޓު އިންޝުއާ ކޮށްފައިވާ އިންޝުއަރެންސް ކުންފުނިން ދޭން ކަނޑައަޅާފައިވާ ހަތަރު މިލިޔަން ޑޮލަރު ( 61 މިލިޔަން ރުފިޔާ) ނަގަން އެއްބަސްވީ،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ، ވިއެޓްނާމްގެ ބޯޓު ދުއްވާ ކުންފުނިން ދޭން ޖެހޭނެ ކަމަށް ސަރުކާރުން ކުރިން ކަނޑައެޅި އަގަކީ ޖޫރިމަނާއެއް ނޫން ކަމަށާއި އެއީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ކަމަށެވެ.

ވިއެޓްލޯންގް އިންޝުއާ ކޮށްފައިވާ ކުންފުނިން ސަރުކާރަށް ދެއްކި ހަތަރު މިލިޔަން ޑޮލަރުގެ އިތުރުން ސޯޝަލް ރެސްޕޮންސިބިލިޓީ ނެގުމުގެ ގޮތުން އެ ކުންފުނިން ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއަށް 250000 ޑޮލަރު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީޕީއޭއިން ބުނެފައި ވަނީ، ވިއެޓްލޯންގް ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި ހޯދަން ކަނޑައެޅި އަގު ކުޑަކޮށްފައި ވަނީ އެ އެޖެންސީގެ ލަފާގެ މަތިން ނޫން ކަމަށެވެ.

"... އަޅުގަނޑުމެންގެ ލަފައެއް އެކަމުގައި ނުހޯއްދަވާ. އަޅުގަނޑުމެންނަކަށް ނުވެސް އެނގޭ ކުޑަ ކުރި ކަމެއް،" އީޕީއޭގެ ޑިރެކްޓަރު އިބްރާހީމް ނައީމް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ، ގެއްލުމުގެ އަގު ވަޒަން ކުރުމަކީ އީޕީއޭއިން ކުރާ ކަމެއް ކަމަށާއި ބޯޓު އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު އެ އެޖެންސީން ބެލީ އެހެންވެ ކަމަށެވެ. އަދި ވިދާޅުވީ ބޯޓު އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރަކީ 500 މިލިއަން ރުފިޔާ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ.