21 Aug 2014, 14:27
މި މަހުގެ 27 ވަނަ ދުވަހު ޔުނައިޑެޓް އަރަބް އެމިރޭޓްސް އާއި ނޯވޭ ވާދަކުރާ މެޗުގައި ނޯވޭގެ ގައުމީ ޓީމުން 15 އަހަރުގެ ކުއްޖަކަށް ފުރުސަތު ދީފި އެވެ.
ނޯވޭގެ ގަައުމީ ޓީމަށް ނަގާފައި ވަނީ އެ ގައުމުގެ ޗެންޕިއަންސް ސްޓްރޯމްސްގޮޑްސެޓްގެ މިޑްފީލްޑަރު މާޓިން އޮޑިގާޑް އެވެ. އޮޑިގާޑް ވަނީ ނޯވޭގެ ފުރަތަމަ ޑިވިޝަންގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޭޕްރީލް މަހު ހޯދާފައެވެ.
އޮޑިގާޑް އެންމެ ފުރަތަމަ ނޯވޭގެ ފުރަތަމަ ޑިވިޝަނުގެ މެޗެއް ކުޅުނުއިރު އޭނާއަށް ވާނީ 15 އަހަރާ 253 ދުވަހެވެ.
އޮޑިގާޑް ވަނީ މިއަހަރުގެ މެއި މަހުގެތެރޭގައި ފުރަތަމަ ފަރަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ، ސްޓްރޯމްގޮޑްސެޓްގައި 2015 ވަނަ އަހަރާ ހަމައަށް ހުރުމަށް އެއްބަސްވެފައެވެ.
އޮޑިގާޑް ބުނެފައި ވަނީ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތާއެކު އޭނާގެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމަށާއި އަދިވެސް އޭނާ ހުރީ ގައުމީޓީމުން ޖާގަ ލިބުމުން ޝޮކެއްގައި ކަމަށެވެ.
"އަހަރެން ވަރަށް ފަހުރުވެރިވޭ ގައުމީ ދިދަ މޭމަތީ ޖަހައިގެން ގައުމު ތަމްސީލުކުރުމަށް ފުރުސަތު ލިބުނީތީ،"
އޭނާ ބުންޏެވެ.
އޮޑިގާޑް ބައްޕަ އެރިކްއާ ހަވާލާދީ ނޯވޭގެ ނޫސްތަކުން ބުނެފައި ވަނީ 30 ކްލަބަކުން އޭނާގެ ދަރިފުޅަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.
ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އާއި ޕީއެސްޖީ އަދި އަޔެކްސް ފަދަ ޓީމްތަކުގެ ކޯޗިން ސްޓާފުން ވަނީ ސްޓްރޯމް ގޮޑްސެޓްގެ ތަމްރީން ތަކުގައި އޮއިގާޑްގެ ކުޅުން ބެލުމައްޓަކައި ޒިޔާރަތް ކޮއްފައެވެ.
ސްޓްރޯމްގޮޑްސެޓަށް އޮޑިގާޑް ކުޅުނު 14 މެޗުން އޭނާ ވަނީ ތިން ގޯލް ޖަހައިފައެވެ. އަދި ސެޕްޓެމްބަރު ތިން ވަނަ ދުވަހު ވެމްބްލީގައި އިނގިރޭސިވިލާތާ ދެކޮޅަށް ނޯވޭ ވާދަކުރާ މެޗުގައި އޮޑިގާޑް ކުޅޭނެ ކަމަށް ބެލެވެ އެވެ.