21 Aug 2014, 14:03
އަންނަ މަހު 19 ވަނަ ދުވަހު ދެކުނު ކޮރެއާގެ އިންޗިއޮންގައި ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މިއަހަރު ވެސް ތައިލޭންޑާ އެއްފަޅިއެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ގުރުލުމުގައި ރާއްޖެ ލައްވާލި ގްރޫޕް "އީ"ގައި ހިމެނެނީ ތައިލޭންޑާއި، އީސް ޓިމޯ އަދި އިންޑޮނޭޝިއާ އެވެ. މި ޓީމުތަކުގެ ތެރެއިން އޭޝިއަން ގޭމްސްގައި އެންމެ ވަރުގަދަ ޓީމަކީ ތައިލޭންޑެވެ. ތައިލޭންޑަކީ އެންމެ ފަހުން ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. އެ އަހަރު ވެސް ތައިލޭންޑް ހިމެނުނީ ރާއްޖެއާ އެއް ގްރޫޕެއްގައެވެ.
އޭޝިއަން ގޭމްސް 2010ގެ ގްރޫޕް "އެފް"ގައި ހިމެނުނު ރާއްޖެ އެ ފަހަރު ކެޓީ، ލިބުނު ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮވެ އެވެ. އެ އަހަރު ގްރޫޕްގެ އެއްވަނައިގެ ގޮތުގައި އޮމާން ދެވަނަ ބުރަށް ދަތުރުކުރި އިރު، ދެވަނަ ޓީމުގެ ގޮތުގައި ދިޔައީ ތައިލޭންޑެވެ. އެ މުބާރާތުގައި ތައިލޭންޑާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ނިމިގެންދިޔައީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގެ ސްކޮޑަށް މިފަހަރު ނެގި އުމުރުން ދޮށީ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅޭ ގޯލްކީޕަރު އިމްރާން މުހައްމަދު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ އަަސަދުﷲ އަބްދުﷲ އެވެ.
އުމުރުން ދޮށީ ކުޅުންތެރިންގެ ތެރެއިން ދަގަނޑޭ އާއި އިމްރާން ވަނީ ސީނިއާ ކުޅުންތެރީންގެ ގޮތުގައި 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ކުޅެފައެވެ. ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުންނާނީ ސީނިއާ ޓީމުގެ ވެސް ކޯޗު ޑްރާގޯ މަމިޗް އެވެ.