ނާސިން ހެދުމަށް ބެންގަލޫރުގެ އަންބިކާ ކޮލެޖަށް ފޮނުވި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް މައްސަލަތައް ދިމާވެގެން ކޯސް ފުރިހަމަނުކޮށް އެނބުރި އައުމާ ގުޅިގެން، އެކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދު ވިދާޅުވީ އެފަދަ ގޮތަކަށް ކަންތައް ހިނގީތީ، ވަރަށް ހިތާމަ ކުރައްވާ ކަމަށާއި، އެކުދިންނާ ދޭތެރޭގައި ސަރުކާރުން ދެން ކަންތައްތައް ކުރެއްވެން އޮތް ގޮތެއް ބައްލަވައި، އެކުއްޖަކު ކުރިއަށްދާން އެދޭ ރޮނގަކުން ކުރިއަށް ދިޔުމުގެ ފުރްޞަތު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެހެން ކަންތައް މެދުވެރިވީ، ރަނގަޅު ފުރިހަމަ މަޢްލޫމާތު ނުލިބިގެންކަން ކަމަށެވެ.
ރައީސް ވިދާޅުވީ އޭގެ ތެރެއިން ފެންވަރު ނެތިގެން ނާސިން ހެދެން ނެތް ކުދިންނަށް، އިތުރަށް ކިޔަވައިދެއްވައިގެންވެސް އެކުދިންނަށް އެރޮނގުން ކުރިއަށް ދިއުމުގެ ފުރްޞަތު ސަރުކާރުން ދޭން ބޭނުންފުޅުވާ ކަމަށާއި، އަދި ނާސިން ހަދަން ބޭނުންނުވާ ކުދިންނަށްވެސް، އެނޫން އެހެން ރޮނގަކުން ކުރިއަށް ދެވޭނެގޮތް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި އަންބިކާ ކޮލެޖަށް ކިޔަވަން ފޮނުވި ބައެއް ކުދިންނާއި އަދި އެކުދިންގެ ބެލެނިވެރިން، އެކަންތައްތައް ހިނގާދިޔަގޮތް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.