ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ކާމިޔާބުކުރި ޕެނަލްޓީއާއެކު ސެލަންގޯ އަތުން ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރުއެމް) މޮޅުވެއްޖެ އެވެ.

މެލޭޝިއާ ކަޕްގެ ދެވަނަ ބުރުގައި ސެލަންގޯގެ ދަނޑުގައި އިއްޔެ ކުޅުނު މެޗުން ޕީޑީއާރުއެމް މޮޅުވީ 2-0 ލަނޑުންނެވެ.

މި މެޗުގައި ސެލަންގޯގެ ކުޅުންތެރިން ދަގަނޑޭއަށް އިސްކަންދީގެން ކުޅުނު ނަމަވެސް، އޭނާ ވަނީ ސެލަންގޯގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ސެލަންގޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕީޑީއާރުއެމްއަށް ލީޑު ނަގައިދިނީ ދަގަނޑޭ އެވެ. އޭނާ އެ ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ.

މެޗުގެ ދެވަނަ ހާފަށް ސެލަންގޯއިން ނުކުތީ ބަދަލުތަކަކާއެކު އެވެ. އެގޮތުން އެ ޓީމުން ވަނީ ޕީޑީއާރުއެމްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސެލަންގޯއަށް ނަތީޖާއެއް ނުނެރެވި އުޅެނިކޮށް، ޕީޑީއާރުއެމްއިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 68 ވަނަ މިނެޓްގައި ޕީޑީއާރުއެމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ޗާލްސް ސޫޒާ ޗެޑް އެވެ.

މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސްއަށް ކުޅުނު ދުވަސްވަރު އޭއެފްސީ ކަޕުގައި ދަގަނޑޭ ވަނީ ސެލަންގޯއާ ދެކޮޅަށް ކުޅެފަ އެވެ. ނިއުއާއެކު އޭއެފްސީ ކަޕް 2013ގައި ދަގަނޑޭ އެންމެ ފަހުން ސެލަންގޯއާ ބައްދަލުކުރި މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ގަދަ 16ގައި 2-0 ލަނޑުން ނިއު މޮޅުވި އެ މެޗުގައި ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.