21 Aug 2014, 13:16
ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ، އެލައިޑް އިންޝުއަރެންސުން ފަތުރުވެރިންނަށް ލިބޭ ގެއްލުންތަކަށް ކަވަރު ކުރެވޭ، "އިންބައުންޑް ޓުރެވަލް އިންޝުއަރެންސް" މިއަދު ތައާރަފްކޮށްފި އެވެ.
އިންބައުންޑް ޓްރެވަލް އިންޝުއަރެންސަކީ، ރާއްޖެއަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން އެލައިޑުން ފަރުމާކޮށްފައިވާ އިންޝުއަރެންސް ސްކީމެކެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އިންޝުއަރެންސް ތައާރަފްކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ އެ އިންޝުއަރެންސް ތައާރަފްވެގެން ދިއުމަކީ ރާއްޖޭގެ ވިޔަފާރި ކޮމިއުނިޓީއަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މިއީ ރާއްޖޭގެ ޑިވެލޮޕްމެންޓަށް އަދި އަޅުގަނޑުމެން ކަން ކުރާ ގޮތްތަކަށް އެޅިގެންދިޔަ ފުރިހަމަ ފިޔަވަޅެއް،" މަނިކު ވިދާޅުވިއެވެ.
އިންބައުންޑް ޓުރެވަލް އިންޝުއަރެންސާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިންޝުއަރެންސް ތައާރަފްކުރުމަށް މަސައްކަތް ކުރެއްވި އަހުމަދު ސާބިގް ވިދާޅުވީ އިންބައުންޑް ޓުރެވަލް އިންޝުއަރެންސް ތައާރަފްކުރުމުގެ ބޭނުމަކީ ފަތުރުވެރިންނަށް ދިމާވާ ބައެއް ކަންކަން އިންޝުއަރެންސްތަކުން ކަވަރު ނުކުރާތީ އެކަން ހައްލުކޮށްދީ އެފަދަ ގެއްލުންތަކަށް އިންޝުއަރެންސެއް ދިނުން ކަމަށެވެ.
އެގޮތުން އިންބައުންޑް ޓްރެވަލް އިންޝުއަރެންސްގެ ތެރެއިން ޕާސަނަލް އެކްސިޑެންޓާއި ޕާސަނަލް ލައިބިލިޓީސް އާއި ލޮސް އޮފް ޕާސްޕޯޓް އާއި އެމަޖެންސީ މެޑިކަލް އެކްސްޕެންޝަނާއި ހޮސްޕިޓަލް ބެނެފިޓްގެ އިތުރުން ޓްރެވަލް ޑިލޭ ވެސް ކަވަރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާބިގް ވިދާޅުވީ އެ އިންޝުއަރެންސް ފަތުރުވެރިންނަށް އަމިއްލައަށް ނެގޭއިރު ހޮޓެލްތަކާއި ރިސޯޓްތަކަށް އެތަންތަނުން ހިދުމަތް ހޯދާ ފަތުރުވެރިންނަށް ގަނޑުކޮށް ވެސް ނެގޭނެ ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އިންބައުންޑް ޓްރެވަލް އިންޝުއަރެންސާއެކު އެލައިޑުން ދޭ ހިދުމަތްތަކަށް އާ ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ އިންޝުއަރެންސާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް ލިބޭ ގެއްލުންތަކުގެ 100 އިންސައްތަ ކަވަރު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.