21 Aug 2014, 12:15
އިސްރާއީލުން ޣައްޒާއަށް ބޮން އަޅައި، ހަމާސް ޖަމާއަތުގެ އިސް ތިން ލީޑަރަކު ޝަހީދުކޮށްލައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ހަމާސްގެ ތިން ލީޑަރުން މަރުވީ ޣައްޒާގެ ދެކުނުގައިވާ ރަފަހަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ. މަރުވި ތިން ލީޑަރުންގެ ނަންތައް ހަމާސް އިން މީޑިއާއަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އިސްރާއީލުގެ ހަމަލާގައި ޝަހީދުވި ހަމާސްގެ ލީޑަރުންނަކީ މުޙައްމަދު އަބޫ ޝަމާލާ އާއި މުޙައްމަދު ބަރުހޫމްއާއި ރާއިދު އަލް އައްތާރުއެވެ.
އިސްރާއީލުގެ ހަމަލާގައި އިތުރު މީހުން ޝަހީދުވީކަމެއް އަދި ނޭނގެއެވެ. ނަމަވެސް ރަފަހަށް އެހަމަލާ ދިން ސަރަހައްދުން އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލް އަޝްރަފް އަލް ޚިދުރާ ވިދާޅުވެފައި ވެއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ ޖުލައިމަހުން ފެށިގެން ހިންގަމުން އަންނަ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 2000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ އާއްމުންނެވެ. އަދި 400 އަށް ވުރެ ގިނަ ކުޑަކުދިން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެހަމަލާތަކަށް ރައްދު ދިނުމަށް ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލުން މަރުވެފައި ވަނީ 67 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން ފިޔަވައި އެންމެންނަކީ ވެސް އިސްރާއީލް ސިފައިންނެވެ.