21 Aug 2014, 11:22
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓު އަލީ ޝާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ހުކުމް އަންނަ މަހުގެ ހަތް ވަނަ ދުވަހު އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝާންގެ ދިފާއީ ހެކިބަސް ނަގައި ނިމުމުން ގާޒީ ވިދާޅުވީ، މި މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށާއި އަންނަ މަހުގެ ހަތް ވަނަ ދުވަހު ހުކުމް އިއްވާނެ ކަމަށެވެ.
"ސެޕްޓެމްބަރު ހަތް ވަނަ ދުވަހު މައްސަލަ ނިންމާނަން،" ގާޒީ ވިދާޅުވި އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަސް ވަނަ މީހަކު ވަނީ ޝާންގެ ދިފާއުގައި ހެކިބަސްދީފަ އެވެ.
މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތަރު މީހަކު ހެކިބަސް ދެމުން ބުނިފަދައިން މިއަދު ހެކިބަސްދިން ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު ވެސް ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 9:30 ގެ ފަހުން އޭނާ ޖަލަޕީނޯއަށް ދިޔައިރު ޝާން އިނީ އިތުރު ބަޔަކާ އެކު ކޮފީގައި ކަމަށެވެ.
އުބައިދުﷲ ބުނީ ކޮފީގައި ތިބުމަށްފަހު އިރުކޮޅަކުން އެތަނުގައި އިން އަބްދުﷲ ނަސީރުއާ އެކު އޭނަ ދިޔައީ "ބުރެއް ޖަހާލަން" ކަމަށާއި އެމީހުން ދިޔައީ ޝާންގެ ސައިކަލްގައި ކަމަށެވެ.
އެރޭ ޚާއްސަކަމެއް މާލޭގައި ހިނގިތޯ ގާޒީ ދެންނެވުމުން އުބައިދުﷲ ބުނީ އެރޭ 1:30 އެހައިކަންހާއިރު އޭނާ ޑޯލްފިން ކެފޭގައި އިންދާ ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން ކަމަށް ޓީވީގެ ޚަބަރުން ކިޔަންފެށި ކަމަށެވެ. އަދި އޭގެ ވަގުތުކޮޅެއްފަހުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޚަބަރު ކިޔަންފެށި ކަމަށާއި ހީވާގޮތުގައި އެވަގުތު ޝާން ވެސް ޑޯލްފިންގައި އިން ކަމަށް އޭނާ ބުންޏެވެ.
ޝާންގެ ދިފާއުގައި ފަސް މީހަކު ހެކިބަސް ދީފައި ވާއިރު އޭނައާ ދެކޮޅަށް ހެކިބަސްދީފައި ވަނީ އެންމެ މީހެކެވެ.
ހެކިބަސް ދެމުން އެ މީހާ ބުނެފައި ވަނީ ހ. ފުންވިލުގޭގެ ސިޑި ކައިރީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނިކޮށް ލޭހޭކިފައި އޮތް ވަޅިއެއް ހިފައިގެން އެ ހަށިގަނޑު ކައިރީ ޝާން ހުއްޓާ ދުށް ކަމަށެވެ. އަދި އެތަނަށް ޝާން ދިޔުމުގެ ކުރިން އޭނަގެ އަމަލުތައް ހުރި ގޮތް ވެސް ތަފްސީލުކޮށް އޭނާ ވަނީ ކިޔައިދީފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހ. ލޮބީ ހުސައިން ހުމާމު އަހުމަދުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އޭނާގެ މައްޗަށް އިއްވި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.