ރާއްޖޭގައި ހުރި އާސާރީ މިސްކިތްތައް މަރާމާތުކޮށް ދެމެހެއްޓުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ދެނެގަތުމަށް ޓަކައި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ( އާސީ) އިން ދިރާސާއެއް ކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިއްޔެ ބުނީ، އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ ގެ ވަފުދެއް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވި ކަމަށެވެ. އަދި ބުނީ ޑރ. ބީއާރް މާނީ އިސްކޮށް ހުންނެވި އެ ވަފުދުން ރާއްޖޭގެ ތަފާތު ރަށްތަކުގައިވާ އެތައް މިސްކިތަކަށް ޒިޔާރަތް ކުރެއްވި ކަމަށެވެ.

އަދި ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އިސްކޮށް ހުއްނެވި ، އިސްލާމިކް މިނިސްޓްރީގެ ވަފުދަކާއި އެޑިއުކޭޝަން މިނިސްޓްރުގެ ނައިބު އަދި ހެރިޓޭޖް ޑިޕާޓްމެންޓްގެ ޑައިރެކްޓަރު ޔުމްނާ މައުމޫނު އިސްކޮށް ހުންނެވި، ހެރިޓޭޖް ޑިޕާޓްމެންޓްގެ ވަފުދަކާ އެކު އާސީގެ ވަފުދުން ބައްދަލުކުރެއްވި ކަމަށެވެ.

އާސީގެ ޓެކްނިކަލް އެކްސްޕަޓީޒް ބޭނުންކޮށްގެން ރާއްޖޭގެ ތާރީހީ އަދި ސަގާފީ ތަންތަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އެކުލަވާލާފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން ( އެމްއޯޔޫ)ގެ ދެލި ކޮޕީއަށް ދެފަރާތުން ވެސް މަރުހަބާ ކީ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އާސީގެ ވަފުދެއް ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. ރާއްޖޭގެ އާސާރީ މިސްކިތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އިންޑިއާގެ އެހީތެރިކަން ހޯއްދެވުމާ ބެހޭ ގޮތުން މިނިސްޓަރު އޭރު މަޝްވަރާކުރައްވާފައި ވެއެވެ.

ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް އިންޑިއާއިން ކުރިން ވެސް ކޮށްދީފައި ވެއެވެ. އެގޮތުން 1988 ވަނަ އަހަރު ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނެވެ. ފެންފުށީ ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް 2001 ވަނަ އަހަރު އަދި 2004 ވަނަ އަހަރު ދަރުމަވަންތަ ރަސްގެފާނު މިސްކިތް އަދި 2006 ވަނަ އަހަރު އީދު މިސްކިތުގެ މަސައްކަތް ވެސް އެގައުމުން ކޮށްދިނެވެ.