21 Aug 2014, 10:11
އިނގިރޭސިވިލާތުގެ ލިވަޕޫލައަށް މިދިޔަ ހަފްތާގައި ސޮއިކުރި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަލްބާޓޯ މޮރޭނޯ އޭނާގެ ކުރީގެ ކުލަބް ސްޕެއިންގެ ސެވިއްޔާއަށް އެނބުރި ދާނެ ކަމަށް ބުނެފި އެވެ.
ސެވިއްޔާއާ ވަކިވުމަށް މޮރޭނޯ ބޭއްވި ނިއުސް ކޮންފަރެންސްގައި ފެންކަޅިވެ އިނދެ އޭނާ ބުނެފައި ވަނީ ކްލަބުގެ ހުރީހާ އިސް ވެރިންނަށް ޝުކުރު އަދާކުރާކަމަށެވެ.
އުމުރުން 22 އަހަރު މޮރޭނޯ، ސެވިއްޔާއިން ލިވަޕޫލަށް ބަދަލު ވެފަވަނީ 12 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
ސެވިއްޔާގެ ޔޫތުޓީމަށް 2004 ވަނަ އަހަރު ކުޅެންފެށި މޮރޭނޯ ބުނެފައި ވަނީ ކުޑަކުއްޖެއްގެ ގޮތުގައި ކްލަބާ ގުޅުނުކަމުގައި ވިޔަސް މިއަދު އޭނާ ކުޅުންތެރިޔަކަށް ހަދައިދިނީ އެ ކްލަބުން ކަމަށެވެ. އަދި މިއީ ސެވިއްޔާއަށް ކިޔާ އަލްވަދާއެއް ނޫންކަމަށާއި ކޮންމެވެސް ދުވަހަކުން އޭނާ އެ ކްލަބަށް އެނބުރި އަންނާނެކަމަށެވެ. އަދި ހަމަ އެހެންމެ ސެވިއްޔާ އަަކީ އޭނާގެ ދިރިއުޅުން ކަމުގައި ވެސް މޮރޭނޯ ބުންޏެވެ.
މޮރޭނޯ ބުނެފެވަނީ އޭނާ ލިވަޕޫލަށް ބަދަލުވުމުގައި ހިޔާލު ދިނީ ކުރިން ލިވަޕޫލަށް ކުޅެފައިވާ ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ޒަވީ އޮލޮންސޯ އާއި އަލްވާރޯ އާބެލޯ ކަމަށެވެ.
މިދިޔަ ސީޒަންގައި މޮރޭނޯ ވަނީ ސެވިއްޔާއަށް 44 މެޗު ކުޅެދީ އެޓީމަށް ޔޫރޮޕާލީގު ކާމިޔާބުކޮށްދިނުމަށް އެހީތެރިވެ ދީފައެވެ.