ޣައްޒާ (އޮގަސްޓް 21): އިސްރާއީލުގެ ހުރިހާ ސަރަހައްދުތަކަކީ ވެސް މިހާރު ހަމަލާ ދެވޭނެ ހަނގުރާމައިގެ ސަރަހައްދުތައް ކަމަށާއި އިސްރާއީލުގެ ވައިގެ ސަރަހައްދަށާއި އެއާޕޯޓްތަކާ ކައިރިނުވުމަށް ބައިނަލްއަގްވާމީ އެއާލައިންތަކަށް ހަމާސް ޖަމާއަތުން އިންޒާރު ދީފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ތަރުޖަމާން އަބޫއުބައިދާ ވިދާޅުވީ، އިސްރާއީލުން ގެންދަނީ ޣައްޒާގެ މުޅި ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ގޭގައި ތިއްބައި ގެދޮރަށް ހަމަލާދީ އެ މީހުން ޝަހީދުކޮށް ޣައްޒާގެ އެތަންމިތަނުގައި ގަތުލުއާންމުތައް ހިންގަމުން ކަމަށާއި އެހެންކަމުން އިސްރާއީލުގެ ހުރިހާ ސަރަހައްދުތަކަކީ ވެސް ހަނގުރާމައިގެ ސަރަހައްދުތައް ކަމުގައެވެ.

ހަމާސް ޖަމާއަތުން ރޭ ނެރުނު ބަޔާނެއް އިއްވަމުން އެ ޖަމާއަތުގެ ތަރުޖަމާން އަބޫއުބައިދާ ވިދާޅުވީ ހަމަލާތަކުން ދިފާއުވުމަށް އިސްރާއީލުގައި ގާއިމްކޮށްފައިވާ ޝެލްޓާތައް ފިޔަވައި އިސްރާއީލުގެ ހުރިހާ ސަރަހައްދުތަކަކީ ވެސް ހަނގުރާމައިގެ ސަރަހައްދުތައް ކަމުގައެވެ. އަދި އިސްރާއީލުގެ ވައިގެ ސަރަހައްދަށް ނުވަނުމަށާއި އިސްރާއީލުގެ އެއާޕޯޓްތަށް ބޭނުން ނުކުރުމަށް އިސްރާއީލުގެ ފަސިންޖަރު އެއާލައިން ތަކާއި ބައިނަލްއަގްވާމީ އެއާލައިންތަކަކަށް ގޮވާލާ ކަމަށް އެ ބަޔާން ބުނެއެވެ. މިގޮތުން އިސްރާއީލުގެ އެއްވެސް ސަރަހައްދެއް ބޭނުންކުރާ މަތިންދާބޯޓުތަކާއި އެބޯޓުތަކުގެ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ ހަމާސުން ނޫފުލާނެ ކަމަށްވެސް އެ ޖަމާއަތުގެ ތަރްޖަމާން ވިދާޅުވި އެވެ.

ހަމާސްގެ ބަޔާނުގައި، އިސްރާއީލުގެ ރައްޔިތުން އެ ގައުމުގެ ފުޓްބޯޅަ ދަނޑުތަކަށާއި އާންމުތަންތަނަށް އެއްވެ ނޫޅުމަށާއި ހަމައެކަނި ހަނގުރާމައިގެ ހަމަލާތަކުން ސަލާމަތްވުމަށް ހަދާފައިވާ ޝެލްޓާތަކުގައި ތިބުމަށްވެސް އިސްރާއީލުގެ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައި ވެއެވެ. މިގޮތުން ޝެލްޓާތަކުގައި ނޫންގޮތަކަށް ތިބޭ އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަމުގެ ގެރެންޓީ ނުދެވޭނެ ކަމަށް ހަމާސްގެ ބަޔާން ބުނެއެވެ.

ހަމާސުން މި ބަޔާން ނެރެފައި މިވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި މުއްދަތު ހަމަ ނުވަނީސް މި އެއްބަސްވުމަށް ހިޔާނާތްތެރިވެ އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އިސްރާއީލުން މަކަރުވެރި ގޮތެއްގައި އިއްޔެރޭ ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ޟައިފުގެ ގެއަށް ކުއްލި ހަމަލާތަކެއްދީ އޭނާގެ އަނބިކަނބަލުންނާއި ތުއްތު އަންހެން ދަރިފުޅު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ހަމާސުން އިސްރާއީލުގެ މި ޖަރީމާ ސިފަކޮށްފައިވަނީ އަހްދާއި ވަޢުދަށް ހިޔާނާތްތެރިވުމަށްފަހު ހަމާސްގެ އިސްވެރިންނާއި އެމީހުންގެ އަނބިދަރީން ޝަހީދުކޮށްލުމަށް ހިންގި މަކަރުވެރި އިޔަހޫދީ ޖަރީމާއެއްގެ ގޮތުގައެވެ. ނަމަވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން ވަނީ ޙަމާސްގެ ޢަސްކަރީ ކޮމާންޑަރު މުޙައްމަދު ޟައިފު އާއި އޭނާގެ އާއިލާ ޝަހީދުކޮށްލުމަށް ހިންގި ޖަރީމާ ދިފާއުކޮށް ވާހަކަ ދައްކާފައެވެ. ހަމާސްގެ ކޮމާންޑަރުގެ ގެއަށް ހަމަލާދިނުމަށްފަހު އިސްރާއީލުން ވަނީ އެހަމަލާދިނީ ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި މުއްދަތު ހަމަނުވަނީސް ޣައްޒާއިން އިސްރާއީލަށް ތިން ރޮކެޓް ފޮނުވާލުމާގުޅިގެން ކަމަށްބުނެ ކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކޮށްފައެވެ.

ނަމަވެސް ހަމާސްގެ ކޮމާންޑަރުގެ ގެއަށް އިސްރާއީލުން ހަމަލާދިނީ ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު ހަމަ ނުވަނީސްކަމަށް އިސްރާއީލުގެ މަސްއޫލުވެރިން ފަހުންވަނީ އެއްބަސްވެ އެކަމަށް އިއުތިރާފްވެފައެވެ. މިގޮތުން ހަމާސްގެ ކޮމާންޑަރުން މަރާލައި އެމީހުންގެ ވަސްފުހެލުމަށް ވަކިވަގުތެއް ވަކިތަނެއް ނުވަތަ އެއްބަސްވުމަކަށް އިސްރާއީލުން ނުބަލާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާއީ ވަޒީރު ވަނީ މި ޖަރީމާއާއި އިސްރާއީލުގެ މަކަރުވެރިކަން ދިފާއުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އިސްރާއީލުގެ ޣަދަރުވެރި މިހަމަލާއިން ހަމާސްގެ ކޮމާންޑަރު މުޙައްމަދު ޟައިފަށް ގެއްލުމެއް ލިބިވަޑައިގެންފައިނުވާ ކަމަށާ ނަމަވެސް އޭނާގެ އަނބިކަނބަލުންނާއި ތުއްތު އަންހެން ދަރިފުޅު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސުން ބުނެފައިވެ އެވެ. މި ދެމައިންގެ ޖަނާޒާ ޣައްޒާގައި އިއްޔެވަނީ ބާއްވާފައެވެ. (އަލްޖަޒީރާ)