ލަންޑަން : ކުރިޔަށްއޮތް ފަންސާހަކަށް އަހަރުތެރޭގައި ދުނިޔޭގެ އާބާދީ އާދަޔާ ޚިލާފަށް މައްޗަށްގޮސް އާބާދީގައި މުސްކުޅިން އިތުރުވެ ދުނިޔޭގެ އިޤްތިސާދަށާއި ޤުދްރަތީ ވަސީލަތްތަކަށް ބާރުބޮޑުވެގެންދާނެ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ. " އާބާދީ އިތުރުވުމުގެ ސަބަބުން ދުނިޔެ ކުޑަވަނީ " މިސުރުޚީގެ ދަށުން އެކުލަވާލާފައިވާ މި ދިރާސާ ރިޕޯޓް ތައްޔާރުކޮށްފައިވަނީ އާބާދީ ޢިލްމުގެ މާހިރުންނާއި ދުނިޔޭގައިވާ ޤުދްރަތީ ވަސީލަތްތަކުގެ ޢިލްމުތަކާބެހޭ އިންޖިނޭރުންނާއި ތިންކް ޓޭންކުންގެ އެތަށް ބައަކު ގުޅިގެންނެވެ.

މިދިރާސާ ލަފާކުރާގޮތުން ކުރިޔަށްއޮތް ފަންސާހަކަށް އަހަރުތެރޭގައި ދުނިޔޭގެ އާބާދީ 6.9 ބިލިޔަނުން 9.5 ބިލިޔަނަށް އިތުރުވެގެންދާނެއެވެ. އަދި މިއާބާދީގައި މުސްކުޅިންގެ ނިސްބަތް މަތިވެފައި ކުޑަކުދިންގެ ޢަދަދު ނިސްބަތުން މަދުވާނެއެވެ. ކުޑަކުދިންގެ ނިސްބަތް މަދުވާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ހިންގަމުން ގެންދާ ދަރިމައިވުމުގެ ސިއްޙަތާއި ޢާއިލާ ރޭވުމުގެ ޕްރޮގްރާމްތަކުގެ ސަބަބުންނާއި އާބަނައިޒޭޝަންގެ ސަބަބުންނެވެ. މުސްކުޅިން ގިނަވާނީ ސިއްޙީ ފަރުވާ ފުޅާވެ މެޑިކަލް ޓެކްނޮލޮޖީ ކުރިއަރައި މިޓެކްނޮލޮޖީ ދުނިޔޭގެ ކަންކޮޅުތަކަކަށް ފެތުރިގެން ދިޔުމުގެ ސަބަބުން މަރުވާ ރޭޓް ދަށްވެ ދިރިތިބި މީހުން މުސްކުޅިވެގެންދާނެތީއެވެ.

ލަންޑަންގައި ޝާއިޢުކުރެވުނު މިދިރާސާ ބުނާގޮތުން ކުރިޔަށްއޮތް ފަންސާހަކަށް އަހަރުތެރޭގައި ދުނިޔޭގެ އާބާދީ 9.5 ބިލިޔަނަށް އެރުމުން ސާފުބޯފެނާއި ކާބޯތަކެއްޗާއި ހަކަތައާއި ބޯހިޔާވަހި ކަމުގެ މައްސަލަތައް ވަރަށް ބޮޑުވެގެންދާނެއެވެ. ޚާއްސަކޮށް މިވަރުގެ ބޮޑު އާބާދީއަކަށް ކާބޯތަކެއްޗަށާއި ސާފު ބޯފެން ބޭނުންވާ މިންވަރަށް ނުލިބުމުގެ ވޭންދެނިވި މައްސަލަތަކެއް ދުނިޔެއަށް ފެންމަތިވެގެންދާނެއެވެ. ނަމަވެސް މިދިރާސާ އެކުލަވާލެއްވި ތަޖްރިބާކާރުންގެ ޓީމް ގެ ވެރިޔާ ޑޮކްޓަރ ޓިމް ފޮކްސް ދެކެވަޑައިގަންނަވާ ގޮތުގައި މިމައްސަލަތަކަކީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެނަމަ ޙައްލުކުރެވިދާނެ މައްސަލަތަކެކެވެ. ހަކަތައާއި ކާބޯތަކެއްޗާއި ސާފުބޯފެނަކީ މިހާރުން ފެށިގެން ޢިލްމީ ގޮތުން މަސައްކަތްކޮށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕްލޭންތަކެއް ރޭވިއްޖެނަމަ ހައްލު ކުރެވިދާނެ ކަންތައްތަކެވެ.