21 Aug 2014, 09:15
އަންކާރާ (އޮގަސްޓް 21): ތުރުކީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ރައީސްކަމާ ހަވާލުވެވަޑައިގަތުމުން ބޮޑުވަޒީރަކަށް އިހްތިޔާރު ކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ޚާރިޖީ ވަޒީރު އަހްމަދު ދާވޫދު އޮގްލޯ ކަމަށް އެގައުމުގެ މިހާރުގެ ރައީސް އަބްދުﷲ ގުލް ވިދާޅުވެއްޖެ އެވެ.
ގުލް ވިދާޅުވީ، ތުރުކީގެ ވެރިކަމުގެ ނިޒާމުގެ އިތުރުން އެގައުމުގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައާމަތަށް ވެސް ބޮޑެތި ބަދަލުތަކެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ބެލެވިފައިވާ ކަމުގަ އެވެ. މިގޮތުން ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ރައީސްކަން އުރުދުޣާން ދޫކޮށްލެއްވުމުން އެމަގާމް ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑީ މިހާރުގެ ޚާރިޖީ ވަޒީރު އަހްމަދު ދާވޫދު އޮގްލޯއަށް ކަމަށްވެސް ގުލް ވިދާޅުވި އެވެ. އޮގްލޯއަކީ އުރުދުޣާން ފަދައިން އިސްލާމްދީނަށް ލޯބިކުރައްވާ އިސްލާމީ ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.
ތުރުކީގެ ރައީސްކަމަށް އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އިންތިޚާބުވެވަޑައިގެންފައި ވަނީ އެގައުމުގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގެ 52 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. ތުރުކީގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރައްވައި ރައީސް ކަމާ އުރުދުޣާން ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ތުރުކީގައި 2002 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން ގެންދަނީ ތަޖަބް ތައްޔިބު އުރުދުޣާންގެ އިސްލާމީ ފިކުރުގެ ޕާޓީ ކަމަށްވާ "ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" ންނެވެ. ތުރުކީގެ ޕާލަމެންޓްގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައިވަނީ "ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" އަށެވެ. ތުރުކީގެ ގާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގެ ބޮޑުވަޒީރުކަމަށް ބޭފުޅަކު އިޚްތިޔާރު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސުލްޖުމްހޫރިއްޔާ، ބޮޑުވަޒީރުކަމަށް އިހްތިޔާރު ކުރައްވަންވާނީ ތުރުކީގެ ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީއަކުން ކަނޑައަޅާ ބޭފުޅަކާ ކަމަށްވެސް އެ ގައުމުގެ ގާނޫނު އަސާސީ ބުނެ އެވެ.
ތުރުކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ އެގައުމުގައި މިހާރު އޮންނަ ބަރުލަމާނީ ނިޒާމު، ރިޔާސީ ނިޒާމަކަށް ބަދަލުކުރައްވައި ވެރިކަން ހިންގުމުގެ ބާރުތައް ބޮޑުވަޒީރުގެ ބަދަލުގައި ރައީސަށް ލިބޭގޮތަށް ތުރުކީގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އުރުދުޣާން ވަނީ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ވިދާޅުވެފަ އެވެ. ތުރުކީގެ ޕާލަމެންޓްގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަނީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ކަމަށްވާތީ ތުރުކީގެ ގާނޫނު އަސާސީއަށް ބަދަލުގެނައުމަކީ އޭނާއަށް ކުރެއްވިދާނެ ކަމެކެވެ.
ނަމަވެސް ތުރުކީގެ ވެރިކަމުގެ ނިޒާމުގެ ގޮތުގައި މިހާރުއޮތް ބަރުލަމާނީ ނިޒާމް، ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ އާންމު އިންތިހާބު ކާމިޔާބު ކުރެވި ޕާލަމެންޓްގެ އަގުލަބިއްޔަތު، ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ލިބުމުން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިންތިހާބުގެ ކުރިން މިއޮތް ދުވަސްތަކުގައި ވެސް ބޮޑުވަޒީރުގެ ބާރުތައް ކުޑަކޮށް ރައީސަށް ލިބޭ ބާރުތައް އިތުރުކުރުމަށް އުރުދުޣާންގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީން ތުރުކީގެ ގާނޫނު އަސާސީއަށް ބައެއް ބަދަލުތަކެއް ގެންނާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ތުރުކީގެ ގާނޫނު އަސާސީ މިހާރުއޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތާއި ސަރުކާރު ހިންގުމުގެ ތަންފީޒީ ބާރުނެތް ރަމްޒީ ބޭފުޅެކެވެ. ނަމަވެސް އުރުދުޣާން ވަނީ ގާނޫނުއަސާސީއަށް ބަދަލުގެނެސްގެން ދައުލަތާއި ސަރުކާރު ހިންގުމުގެ ތަންފީޒީ އެންމެ ގިނަ ބާރުތައް ލިބިފައިވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހަދަން (ރިޔާސީ ނިޒާމަކަށް ހަދަން) ބޭނުންވާ ކަމާއި އޭނާ ރައީސްކަން ކުރައްވާނީ އެގޮތުގެ މަތިންކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގެ "އެންމެބާރުގަދަ މީހާ" ގޮތުގައި ސިފަކުރެވޭ އުރުދުޣާނުގެ ވެރިކަމުގައި އެގައުމަށް ވަނީ ޒަމާނީ ތަރައްގީ ވަރަށް ބޮޑަށް ގެނެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އިގްތިސާދީ ބާރަކަށް ތުރުކީ ހައްދަވާފަ އެވެ. ނަމަވެސް އުރުދުޣާންގެ ވާދަވެރި ލާދީނީ ޕާޓީތަކުންވަނީ ތުރުކީގެ ބާނީ މުސްތަފާ ކަމާލް އަތާތުރްކު އެގައުމަށް ގެންނެވި ދީނާއި ދައުލަތް ވަކިކުރުމުގެ ސެކިއުލާ ނިޒާމު ނައްތާލައި އޭގެ ބަދަލުގައި އިސްލާމް ދީނުގައިވާ ފަދަ ދީނާއި ދައުލަތް އެއްކުރުމުގެ އިސްލާމީ ނިޒާމެއް ތުރުކީގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އުރުދުޣާންގެ މައްޗަށް ކޮށްފަ އެވެ. ނަމަވެސް ތުރުކީގެ ސެކިއުލާ ފިކުރުގެ ލީޑަރުން ވަނީ އުރުދުޣާން އާ ސިޔާސީ ގޮތުން ފައިހަމަ ކުރުމުގައި މުޅިން ނާކާމިޔާބުވެފަ އެވެ.
ތުރުކީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އުރުދުޣާން ސިޔާސީ ގޮތުން ބަލިކޮށްލުމަށް އޭނާގެ ވާދަވެރިން ހާއްސަކޮށް އަތާތުރުކުގެ ސެކިއުލާ ވިސްނުމުގެ ލީޑަރުން ކުރެއްވި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފަ އެވެ. މީގެއިތުރުން އުރުދުޣާން ވަނީ އަތާތުރުކުގެ ޒަމާނުން ފެށިގެން ތުރުކީގައި އޮތް އެގައުމުގެ ސިފައިން ސިޔާސީ ކަންކަމަށް ބާރާއި ނުފޫޒު ހިންގުމުގެ ބޯދާ ނިޒާމް ވެސް ނައްތާލައްވައި ކުރިން ތުރުކީގެ ސިޔާސީ ކަންކަމަށް އަތްގަދަ ކުރަމުން ގެންދިޔަ ތުރުކީގެ ޖެނެރަލުން ހަމަބިމަށް ތިރިކޮށްފަ އެވެ.
ކުރިން އިންގިލާބުތައް ގެނަސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެ އުޅުއްވި ޖެނެރަލުންތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު އެ އެންމެންވަނީ އުރުދުޣާންގެ ވެރިކަމުގައި ދިގުމުއްދަތަކަށް ޖަލަށްލާފަ އެވެ. އަދި ތުރުކީ ސިޔާސީ ލީޑަރުން ބިރުގަންނަ އެ ގައުމުގެ ސިފައިންގެ މުއައްސަސާ ވެސް ވަނީ އުރުދުޣާންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނަވާފަ އެވެ. (ރޮއިޓާސް)