އޮންލައިން ވިޔަފާރިއަށް ޚާއްސަ ވެބްސައިޓެއް "ސަން ސްޓޯރ" ގެ ނަމުގައި ސަން މީޑިއާ ގުރޫޕުން މިއަދު ތައާރަފު ކޮށްފި އެވެ. ސަން އިން މި ތައާރަފު ކުރި ވެބްސައިޓުގެ ޑޮމެއިން އަކީstore.sun.mvއެވެ.

ސަން ސްޓޯރ އަކީ މި ޒަމާނުގައި ކުރެވޭ އޮންލައިން ވިޔަފާރި ތަކަށް ފަހިވާނޭ ގޮތަށް ތަފާތު އެކި ބައިތައް ހިމަނައިގެން ސަން މީޑިއާ ގުރޫޕުގެ ފަރާތުން ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. އޮންލައިންކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ގިނަވެ، ފުޅާވެފައިވާ އިރު ސަން ސްޓޯރ ފަރުމާކޮށްފައި ވަނީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ވީހާވެސް ފަސޭހަ ވާނޭ ގޮތަށެވެ.

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އެ ފަރާތްތަކުން ވިއްކަން ބޭނުންވާ ކޮންމެ މުދަލެއް ސަން ސްޓޯރ މެދުވެރިކޮށް މިހާރު ހިލޭ އިޝްތިހާރު ކުރެވޭ އިރު، ހުރިހާ ވައްތަރެއްގެ މުދާ އިޝްތިހާރު ކުރެވޭނޭ ގޮތަށް މި ސައިޓުގައި ވަނީ އެކި ކެޓެގަރީތައް ހަދައިފަ އެވެ. މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އަމިއްލަ އަށް އެ ފަރާތަކުން ބޭނުންވާ އެއްޗެއް އޮންލައިންކޮށް ސަން ސްޓޯރ އަށް ފޮޓޯއާ އެކު ފޮނުވޭނެ އެވެ.

އެއްޗެތި ގަންނަން ބޭނުންވާ ފަރާތްތަކުން މުޅި ސައިޓުގައި އެ އެއްޗެއް ހޯދަން ހޭދަކުރާން ޖެހޭ ވަގުތު މަދުކުރުމަށް ޓަކައި ފަސޭހަ އިން މުދާ ހޯދޭނެ ސާރޗް އިންޖީން އެއް ސަން ސްޓޯރގެ ހޯމް ޕޭޖުގައި ގާއިމްކޮށްފައިވެ އެވެ.

ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާޢީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވީ އޮންލައިން ކޮށް އެކިކަހަލަ މުދާ ވިއްކަން ބޭނުންވާ ފަރާތްތަކާއި މުދާ ގަންނާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފަސޭހަ ކަމާ އެކު އެ ޚިދުމަތް ލިބޭނެ ގޮތަށް ސަން ސްޓޯރ ފަރުމާ ކުރުމުގައި ވިސްނާފައިވާނޭ ކަމަށެވެ.

"ސަން ސްޓޯރ ފަރުމާ ކުރުމުގައި މި ފަދަ ޚިދުމަތްދޭ ވަރަށް ގިނަ ސައިޓްތައް ބަލައި ދިރާސާކޮށްފައި ވާނެ. އަދި ރާއްޖޭގައި މި ވިޔަފާރީގެ މާހައުލު އޮތް ގޮތާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޑިމާންޑް ތަކަށް ވެސް ބަލައިފައި ވާނެ. ލިބެމުން އަންނަ ފީޑްބެކާ އެކު އިތުރު ފުރިހަމަކަން ވެސް އަންނަމުން ދާނެ،" ޒާހީ ވިދާޅުވި އެވެ.

ސަން ގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) ވިދާޅުވީ ޚަބަރާއި މައުލޫމާތަކީ ރައްޔިތުންނަށް އެންމެ ފުޅާ ދާއިރާއެއްގައި އަބަދުވެސް ލިބިދޭން ޖެހޭ ދެބައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަން އެންމެ ފުރިހަމަ ކަމާ އެކު ކުރެއްވޭތޯ ބެއްލެވުމަކީ ރާއްޖޭގެ ލީޑިން މީޑިއާގެ ހައިސިއްޔަތުން ސަން މީޑިއާ އިން އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެ ގޮތުން ސަން ސްޓޯރ އަކީ އޮންލައިން ވިޔަފާރީގެ މާކެޓާއި އެ ނޫން ވެސް އެކި ކަހަލަ މުހިންމު މައުލޫމާތު ހިމެނިގެން ލޯންޗް ކުރި ސަންގެ މުހިންމު ބައެއް ކަމަށް ހިރިގާ ވިދާޅުވި އެވެ.

ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ މިއަދު ވިދާޅުވީ، ސަން ސްޓޯރ އަކީ ސަންގެ އިންހައުސް ވެބް ޓީމުން ރައްޔިތުންނާ ހަމަޔަށް ގެނެސްދިން ވަރަށް ވެސް ފުރިހަމަ އަދި މުހިންމު ޕްރޮޑަކްޓެއް ކަމަށެވެ. ރާއްޖޭގައި އޮންލައިންކޮށް ކުރެވޭ ވިޔަފާރި އާއި ޚިދުމަތުގެ މުއާމަލާތްތައް ގިނަވެ ފުޅާވަމުން އަންނަ އިރު ސަން ސްޓޯރ އަކީ ހާލަތާ ގުޅޭ ވަރަށް މުނާސަބު ވެބްސައިޓެއް ކަމަށް ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ ފޭސްބުކް ޕޭޖް ތަކާއި އެ ނޫން ވެސް ގޮތްގޮތަށް ވިޔަފާރީގެ މުއާމަލާތްތައް އޮންލައިންކޮށް ކުރާ ފަރާތްތަކަށް ސަން ސްޓޯރގެ ސަބަބުން ވިޔަފާރިއަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެން އަންނާނޭ ކަމަށެވެ.

"ކޮންމެ ކަހަލަ ވިޔަފާރިއަކަށް ބެލިޔަސް އެންމެ މުހިންމު ބަޔަކީ ޚިދުމަތް ހޯދާނެ މީހުން. މުދާ ގަންނާނެ މީހުން. ސަން ސްޓޯރ އަޅުގަނޑުމެން މި ހުޅުވަނީ ކޮންމެ ދުވަހަކު ލައްކައެއްހާ މީހުން ވަދެ ނިކުމެވާ މަގެއްގެ މެދުގަ. އެއީ ސަން އޮންލައިން. ސަން ސްޓޯރ ހުޅުވިގެން މި އަންނަނީ ސަން އޮންލައިންގެ ބައެއްގެ ގޮތުގައި. ސަން އޮންލައިން އަށް ކޮންމެ ދުވަހަކު މި ވަންނަ އެތައް ހާސް ބަޔަކަށް ސަން ސްޓޯރގައި ހުންނަ މުދާ ފެންނާނެ. އެހެން ކަމުން ރާއްޖޭގައި އޮންލައިންކޮށް އެންމެ ފަސޭހައިން މުދާ ވިއްކޭ މާކެޓަކަށް މުސްތަގުބަލުގައި ސަން ސްޓޯރ ވެގެން ދާނެ ކަމުގެ އުއްމީދު އަޅުގަނޑުމެންގެ އެބަ އޮތް." ސިނާން ވިދާޅުވި އެވެ.

ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދު ވިދާޅުވީ ސަން ސްޓޯރ މެދުވެރިކޮށް މުދާ އިޝްތިހާރު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް މިހާރު ލިބިގެން ދާނީ ހިލޭ ކަމަށެވެ. ސަން ސްޓޯރ ގައި އިޝްތިހާރު ކުރާ މުދާ ސަން ސްޓޯރ ގެ ޚާއްސަ ފޭސް ބުކް ޕޭޖް www.facebook.com/sunstoremv ގައި ވެސް ހިލޭ ސަން އިން އިޝްތިހާރު ކޮށްދެމުން ދާނޭ ކަމަށް މިންހާ ވިދާޅުވި އެވެ.

ވިއްކާން ބޭނުންވާ މުދަލުގެ އިތުރުން ތަފާތު އެކި ކަހަލަ ޚިދުމަތްތައް ވެސް ސަން ސްޓޯރ މެދުވެރިކޮށް އިޝްތިހާރު ކުރެވެ އެވެ. މީގެ އިތުރުން ވަޒީފާ އަށް ޚާއްސަ އިސްކަމެއް ދީގެން ހުސް ވަޒީފާގެ ފުރުސަތުތައް އިޝްތިހާރު ކުރުމަށް ޚާއްސަ އިސްކަމެއް ސަން ސްޓޯރ ގައި ވަނީ ދީފަ އެވެ.

ސަންގެ ވެބް ޓީމުން އަބްދުﷲ އަލްޒަމް ވިދާޅުވީ ސަން ސްޓޯރ ދެން އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލު ވަރަށް މުހިންމު ކަމަށާއި އެ ފަދަ ޚިޔާލުތައް ލިބެމުން ދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ސަން ސްޓޯރ މިއަދު ތައާރަފު ކުރި އިރު އެކި ކެޓެގަރީ ތަކުގައި ވަނީ ވިޔަފާރީ އާއި ޚިދުމަތުގެ އިޝްތިހާރުތައް ހިމަނައިފަ އެވެ. އަދި ވަޒީފާގެ ފުރުސަތުތައް ވެސް ވަނީ ހިމަނައިފަ އެވެ. ސަން ސްޓޯރ މެދުވެރިކޮށް ވިޔަފާރި އާއި ޚިދުމަތް އަދި ވަޒީފާގެ ފުރުސަތުތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ހިފަމުން ދިޔުމަކީ ސަން މީޑިއާ ގުރޫޕުގެ އެދުމެއް ކަމަށް ސަންގެ މާކެޓިން އިން ވިދާޅުވި އެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ސަން މާކެޓިން ހޮޓްލައިން 7970076 އަށް ނުވަތަ[email protected]އަށް އީމެއިލް ކޮށްލެއްވުމުން ލިބިގެންދާނެއެވެ.