ގްލޯނެޓުން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަމުން އަންނަ ގްލޯނެޓް އެޑިއުކޭޝަން ފެއާ، 19 ސްޓޯލާއެކު މިއަދު ހުޅުވައިފި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ނެޝަނަލް އާޓްސް ގެލެރީގައި ކުރިއަށްދާ އެ ފެއާ ހުޅުއްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ މަތީ ތައުލީމީ ފުރުސަތުތައް ޒުވާނުންނަށާއި ދަރިވަރުންނަށް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ ތެރެއިން ސްކޮލޮޝިޕްގެ ފުރުސަތުތައް ހޯދަައިދިނުމުގެ ސިޔާސަތުތައް މިހާރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސްނެގުމާއެކު ރާއްޖޭން ބޭރުގެ ގައުމުތަކާ ވާހަކަދައްކައިގެން ރާއްޖޭގައި މަތީ ފާސް ހޯދާ ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.

"މަތީ ތައުލީމަކީ އާޖީލު އައު އުފެއްދުމުގެ ތަޅުދަނޑި. މަތީ ތައުލީމަށް އިސްކަންދެވި، ތަފާތު ދާއިރާތަކަށް އިސްކަން ދެވުމަކީ ރާއްޖެއަށް ގެންނަން މި މަސައްކަތްކުރެވޭ އިގްތިސާދީ އިންޖިލާބު ކާމިޔާބަށް ހެދުމުގެ ހަގީގީ ސިއްރު،" ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވި އެވެ.

ގްލޯނެޓުގެ މިފަހަރުގެ ފެއާގައި 19 ޔުނިވާސިޓީއަކުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި މެލޭޝިއާގެ 17 ޔުނިވާސިޓީއަކާއި ސްރީލަންކާގެ ދެ ޔުނިވާސިޓީއެއް ހިމެނެއެވެ.

އެގޮތުން، މިއަހަރުގެ ފެއާގައި މެލޭޝިޔާގެ ޔޫސީޓީއައި އާއި ސަންވޭ ޔުނިވަސިޓީ އާއި ޓޭލާސް އާއި ކޭބީޔޫ ކޮލެޖާއި ނިލައި އިންޓަނޭޝަނަލް ކޮލެޖް ފަދަ އިންސްޓިޓިއުޓްތައް ހިމެނޭއިރު، ލަންކާގެ އެޕިޓް ލަންކާ އަދި މަލްޓިމީޑިއާ އިިންސްޓިޓިއުޓް އެއް ކަމަށްވާ އެކަޑަމީ އޮފް މަލްޓިމީޑިއާ ޑިޒައިން އެންޑް ޓެކްނޮލޮޖީ (އޭއެމްޑީޓީ) ހިމެނެ އެވެ.

ގްލޯނެޓުން ބުނީ، މިއަދާ މާދަމާ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން ރޭގަނޑު 11:00 އަށް ނެޝަނަލް އާޓްސް ގެލެރީގައި ކުރިއަށްގެންދަން ނިންމާފައިވާ އެ ފެއާ އަށް ވަދެވޭނީ ރަޖިސްޓްރީކޮށްގެން ކަމަށެވެ.

އެގޮތުން ރަޖިސްޓްރީކުރާ މީހުންގެ ތެރޭގައި ހާއްސަ ލަކީ ޑްރޯއެއް ނެގޭނެ ކަމަށާއި ލަކީ ޑްރޯއިން ކޮންމެވެސް އެ ބޭފުޅަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ލިބިގެންދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

މިފަހަރުގެ ފެއާގައި ވެސް ނަތީޖާ ރަނގަޅު ކުދިންނަށް އަގުހެޔޮ ސްކޮލަޝިޕްތަކުގެ ފުރުސަތުތަށް ލިބެން ހުންނާނެ ކަމަށާއި އެގޮތުން 50 ޕަސެންޓާއި 100 ޕަސެންޓް ޓިއުޝަން ފީ ފްރީ ސްކޮލަޝިޕްތައް ލިބިގެންދާނެ ކަމަށްވެސް ގްލޯޓުން ބުންޏެވެ.

މީގެ އިތުރުން، ގްރޭޑް ހަތަކާއި 12 ގައި ކިޔަވާ ދަރިވަރުންނަށް އެ ފެއާގައި ކެރިއާ ގައިޑެންސް ސެމިނާއަކާ އިނގިރޭސި ވިލާތުގެ ނޮޓިންގްހަމް ޔުނިވާސިޓީގެ މެލޭޝިއާ ކެމްޕަހުން ޓީޗަރުންނަށް ހާއްސަ ކޮށްގެން ސެމިނާއެއް ބާއްވަން ހަމަޖެހިފައިވާއިރު، ފެއާގައި ބައިވެރިވާ މެލޭޝިއާގެ ކޭޑީޔޫ ކޮލެޖުގެ ޗެފެއްގެ ކަލިނަރީ ޑެމޯތަކެއް ކޮންމެ ރެއަކު ދައްކާލަން ހަމަޖެހިފައިވާ ކަމަށް ގްލޯނެޓުން ބުންޏެވެ.

މިއަހަރުގެެ ފެބްރުއަރީ މަހުގެ ތެރޭގައި ގްލޯނެޓުން ބޭއްވި ފެއާއަށް މާލެއިން 2000 ކުދިން ޒިޔާރަތްކޮށްފައިވާއިރު، އަތޮޅު ތެރޭގައިވެސް އެފެއާ ކޮންމެ އަހަރަކުވެސް ބާއްވަ އެވެ. އަދި މިފަހަރުގެ ފެއާއަކީ ގްލޯނެޓް އެޑިއުކޭޝަން ފެއާ ރާއްޖޭގައި ބާއްވާ 15 ވަނަ ފަހަރެވެ.