ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ އަހަރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
~
ޗައިނާއަށް ކުރެއްވި ދަތުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ރަސްމިއްޔާތަށް ވަޑައިގަތުމަށް ޗައިނާގެ ރައީސްގެ އަރިހުގައި ދެންނެވުމާއެކު "ވަޑައިގަންނަވާނެ ކަމަށް" ވިދާޅުވި ކަމަށެވެ.

މިއީ ޗައިނާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޒޫ ރޮންޖީ 2001 އަހަރު ރާއްޖެ ވަޑައިގެންނެވި އެވެ.

ރާއްޖޭގެ ރައީސްކަށް ކުރެއްވި ހަ ބޭފުޅުންގެ ތެރެއިން ޗައިނާއަށް ފުރަމާނަ ދަތުފުޅު ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމިން ޗައިނާއަށް ކުރެއްވި ދަތުފުޅަކީ ރަސްމީ ދަތުފުޅެކެވެ.

ޗައިނާގެ ނަންޖިންގް ސިޓީގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތައް 10 ގައުމެއްގެ ވެރިން ވަޑައިގެންނެވި އެވެ. ނަމަވެސް ޗައިނާގެ ރައީސާއެކު ރަސްމީ ވާހަކަފުޅުތައް ބޭއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ހަމައެކަނި ރައީސް ޔާމީނަށެވެ.