20 Aug 2014, 22:46
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ބޮޑު ބަޔަށް، ޗައިނާ ސަރުކާރުގެ ހިލޭ އެހީ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މާލެ-ހުޅުލެ ބްރިޖް އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރާނެ ކަމުގެ "99 ޕަސެންޓް" ޔަގީންކަން އެބަ އޮތް ކަމަށެވެ.
ބްރިޖުގެ އެޅުމަށް ޗައިނާގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް އެ ގައުމާއެކު ރާއްޖެއިން "ޗޮއިންޓް ކޮމެޓީ"އެއް އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކޮމެޓީގައި ރާއްޖެއިން ތިއްބަވާނެ ބޭފުޅުން ކަނޑައަޅުއްވާފައިވާ ކަމަށާއި އެ ކޮމެޓިގެ ބައްދަލުވުންތައް ފެށުމާއެކު ބްރިޖުގެ އެޅުމުގެ ވާހަކަތައް ރަސްމީކޮށް ޗައިނާއާއެކު ދެކެވިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ބްރިޖުގެ ކަންތައްތަކުގައި ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިކަންވެދެއްވާނެ ކަމަށް އަޅުގަނޑުމެންނަށް އެންގެވި. އެއާއެކީ ވިދާޅުވީ އެކަން ކުރުމަށްޓަކައި މިހާރުން މިހާރަށް ދެފަރާތުން އިކޮނޮމިކް ކައުންސިލެއް، ޖޮއިންޓް ކޮމެޓީއެއް ނަންގަވަމާ ހެއްޔޭ. ދެން އަޅުގަނޑުމެންގެ ފަރާތުން ޖޮއިންޓު ކޮމެޓީގައި ތިއްބަވާނެ ބޭފުޅުން ކަނޑައަޅާފައި އަޅުގަނޑުމެން މިއައީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބްރިޖު އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގެ ރާޅާއި އޮއިވަރުގެ ކަންތައް ބެލުމަށް ޚާއްސަ ޓީމެއް މިއަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި އެކަން ނިމުމާ އެކު ކޮންޓްރެކްޓަރަކާ ހަވާލުކުރެވި ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޗައިނާ ސަރުކާރުން އެހީވާގޮތަށް ފީޒްބިލިޓީ، އެއީ ކަނޑުގެ ރާޅާއި އޮއިވަރުގެ ކަންތައް ބެލުމަށް ޓީމެއް މިއަހަރު ތެރޭ އަންނާނެ ކަމަށް ވަނީ. މިއަހަރުގެ ތެރޭގައި މަސައްކަތް ފެއްޓުމަށް. އެކަން ނިމުމާ އެކީ ކޮންމެވެސް އެއް ކޮންޓްރެކްޓަރަކު މަސައްކަތް ފަށާނެ ކަމަށް ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މިދެންނެވި ބައްދަލުވުންތަކުގައި،" ރައީސް ވިދާޅުވި އެވެ.
ޗައިނާއަށް ކުރެއްވި ދަތުފުޅުގައި އެ ގައުމުގެ ރައީސާއެކު ބައްދަލު ކުރެއްވުމުން އެ ގައުމުން ރާއްޖެއަށް ދެއްވާ އެހީތަކުގެ ވާހަކަފުޅު ދެއްކެވުމާއެކު "ހުރިހާ އެހީއެއް ވެސް ބްރިޖުގެ މަސައްކަތަށް ދެއްވުމަށް" އެދިވަޑައިގެންނެވި ކަަމަށް ރައީސް ވިދާޅުވި އެވެ.