ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިފަހައްޓައިފި އެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މެޑްރިޑަށް ނިސްބަތްވާ ދެ ޓީމު ވާދަކުރި ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 81 ވަަނަ މިނިޓްގައި ޖަހައިދިނީ މި ސީޒަންގައި ފްރާންސްގެ މޮނާކޯއިން 65 މިލިއަން ޕައުންޑްގެ އަގަކަށް އެ ޓީމަށް ގެނައި ކޮލަމްބިއާ ތަރި ހަމެސް ރޮޑްރިގޭޒެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ އަށް ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ގިނަ ހަމަލާތަކަކަށް ފަހު، ނަތީޖާ ހަމަހަމަކުރުމަށް އެތުލެޓިކޯއިން ކުރަމުން އައި މަސައްކަތް ފުރިހަމަވީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެތުލެޓިކޯއަށް ލިބުނު ކޯނަރަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ރައުލް ގާސިއާ އެވެ.

މި މެޗަކީ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދި ރޮޑްރިގޭޒް މެޑްރިޑްގެ އަމިއްލަ ދނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ރޮޑްރިގޭޒް ކުޅެން ނުކުމެފަވަނީ ފުރަތަމަ ހާފްގައި ބުރަކައްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފޭބި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޯނާލްޑޯގެ ބަދަލުގައެވެ.

މިދިޔަ ސީޒަންގެ ލަލީގާގެ ޗެމްޕިއަން އެތުލެޓިކޯއާއި ކޮޕަ ޑެލްރޭގެ ޗެމްޕިއަން ވާދަކުރާ ސުޕަ ކަޕުގެ ދެވަަނަ ލެގް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ އެތުލެޓިކޯގެ ވިސެންޓޭ ކަލްޑެރޯން ސްޓޭޑިއަމްގައެވެ.