16 Jan 2011, 18:22
ގއ.ވިލިނގިލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުން ތަކެއް ދިރިއުޅޭ ގެއަކަށް ވަދެ އިލެކްޓްރޯނިކް ސާމާނު ތަކެއް ވަގަށް ނަގައިގެން ފިލި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކާ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވިލނގިލީގައި ޑޮކްޓަރުން ތަކެއް ކުއްޔަން ދިރިއުޅެމުން ދިޔަ އެގެ އަށް ވައްކަން ކުރަން ވަދެފައި ވަނީ ހުކުރު ދުވަހުގެރޭ ފަތިހު ކަމަށެވެ. އަދި އެގޭތެރެއިން އެ މީހުން ވަގަށް ނަގާފައި ވަނީ މޯބައިލް ފޯނަކާއި ރިސީވަރަކާއި މޯބައިލް ފޯނެއް ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެ ގެ އަށް ވަގުން ވައްކަން ކުރަން ވަތް ވަގުތު އެވަގުތު އެ ގޭގައި ތިބީ ރަޝިޔާގެ ޑޮކްޓަރަކާ އިންޑިއާގެ ޑޮކްޓަރެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އޭރު އެ ދެމީހުން ތިބީ ނިދާފައި ކަމަށާއި ނަމަވެސް އެވަގުތު ރަޝިޔާ ޑޮކްޓަރަށް ހޭލެވިގެން އެ މީހުން ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް ޑޮކްޓަރަށް ހަމަލާދިނުމަށް ފަހު ފިލީ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް މާ ބޮޑު ސީރިއަސް އަނިޔާ އެއް ޑޮކްޓަރަށް ވެފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ޑޮކްޓަރުގެ އެހީއާއެކު ފިލި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މީހުންގެ ކުށުގެ ރިކޯޑުތައް އަދި ނޭނގޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.