20 Aug 2014, 17:08
އަންނަ މަހުން ފެށިގެން އައިޖީއެމްއެޗުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ވަކި މުއްދަތަކަށް އަތޮޅުތެރެއަށް ފޮނުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ، "އައުޓްރީޗް ޕްރޮގްރާމް" ފެށުމުން، އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ވަންދެން އަތޮޅުތެރޭގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ދެ ހަފްތާގެ މުއްދަތަކަށް ޑޮކްޓަރުން އަތޮޅުތެރޭގައި މަސައްކަތް ކުރައްވާނެ އެވެ.
"މިގޮތަށް ހަމަޖެއްސީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ރާއްޖެތެރޭގައި ތިއްބަވާ ރައްޔިތުން މާލެ އައިސް މާލޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރަން ނުޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ހާސިލު ކުރުމުގެ ގޮތުން އިތުބާރު ހިފޭ ގައުމީ ސިއްހީ ވިއުގައެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޑޮކްޓަރުން ނެތުމުގެ ސަބަބުން ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެތެރޭގައި އަސާސީގޮތުން ބޭނުންވާ ޑޮކްޓަރުން ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، މިސްރު، އަދި ބަނގުލަދޭޝް އިން ލިބިފައި ހުރި އެޕްލިކޭޝަންތައް ޕްރޮސެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މެޑިކަލް ކައުންސިލްގެ ބައްދުލުވުންތައް ބޭއްވި. އެ ޑޮކްޓަރުންނަކީ ދިވެހި ރާއްޖޭގައި ކަނޑައެޅިފައި ހުރި މިންގަނޑުތަކަށް ފެތޭ ބޭފުޅުންތޯ ބައްލަވަމުން އެބަ ގެންދަވާ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ޑޮކްޓަރުން މަދުވުމުގެ ސަބަބުން ދިމާވެފައިވާ ކަންކަން ހައްލު ކުރުމަށްޓަކައި މާދަމާ އައްޑޫ ސިޓީއަށް ގައިނިކޮލޮޖިސްޓެއް ފޮނުވާނެ ކަމަށެވެ. އަދި މާދަމާ ކުޅުދުއްފުއްޓަށް އިންޓާނަލް މެޑިސިން ޑޮކްޓަރެއް ފޮނުވަން ނިންމާފައިވާއިރު، އަންނަ ހަފްތާތެރޭގައި ފުވައްމުލަކަށް ފިޒީޝަނެއް ފޮނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މިގޮތުން ހަފްތާއަކު އަޅުގަނޑުމެންނަށް ޑޮކްޓަރުން އިތުރު ކުރެވޭ ވަރަކުން ޑޮކްޓަރުން ބޭނުންވާ ރަށްރަށަށް ޑޮކްޓަރުން ހަމަކޮށްދެވޭނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އިތުބާރު ހިފޭ ސިއްހީ ވިއުގައެއް ގާއިމުކުރުމަށް އަތޮޅުތެރެއަށް ބޭނުންވާ އިކުއިޕްމަންޓާއި އިންސްޓްރޫމަންޓްގެ ތެރެއިން އެންމެ މުހިންމު ތަކެތި ދެ މަސް ދުވަހުގެތެރޭ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.