20 Aug 2014, 17:08
ދިވެހިންނަކީ ސަރުކާރަށް އަބަދު ބަރޯސާވެގެން އުޅޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި އަމީނިއްޔާ ސްކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ކިޔެވުމަކީ ވަކި ބޭނުމަކަށް ކުރަންޖެހޭ ކަމެއްނޫން ކަމަށާ މޮޅަށް ކިޔަވައި ނިމުމުން އަދި ނިމުނީކީ ނޫން ކަމަށެވެ. އަދި ސަރުކާރަށް އަބަދު ބަރޯސާވެގެން އުޅޭ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކަށް ވާންވީ، އަޅުގަނޑުމެންނަށް ލިބޭ ތައުލީމުގެ ބޭނުން ހިފައިގެން އުފެއްދުންތެރި، ޒިންމާދާރު މީހުންނަށް ވުމަށް. އަޅުގަނޑުމެންނަކީ އަބަދު ސަރުކާރަށް ބަރޯސާވެގެން އުޅެންޖެހޭ ބަޔަކަށް ވެގެންނުވާނެ. ސަރުކާރުން ކާންދިނީމާ ކައިގެން ސަރުކާރުން އަންނައުނު ދިނީމާ ލައިގެން އަތުން ފައިން މަސައްކަތްކުރަން ބޭނުންނުވާ ބަޔަކަށް ވެގެން ނުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
ދިވެހި އަންހެނުންނަށް ކުރިއަށްދެވޭނީ އެމީހުން ބާރުވެރި ބަޔަކަށްވެގެން ކަން ފާހަގަކުރައްވައި ޑރ. އަޒީމާ ވިދާޅުވީ، ދިވެހި އަންހެނުންނަށް ބާރުވެރިބަޔަކަށް ވެވޭނީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ބޭނުންތައް ފުއްދަން ކުޅަދާނަ ބަޔަކަށް ވެގެން ކަމަށެވެ. އަދި އަމިއްލަ ވިސްނުމާ ހިތްވަރުން ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބިފައިވާ ބަޔަކަށްވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފުރުސަތުތަކަކީ ރަން ތަބަކަކަށް ލާފައި އެއްވެސް މީހަކު އަޅުގަނޑުމެންނަށް ހަދިޔާކުރާނެ ފުރުސަތުތަކެއް ކަމަކަށް ދެކިގެންނުވާނެ. އަޅުގަނޑުމެންގެ ގާބިލުކަމާއި، ފުދުންތެރިކަމާއި، ކުޅަދާނަކަމާއި، ހިތްވަރު އަޅުގަނޑުމެން ހޯދަން ޖެހޭނީ އަމިއްލައަށް،" ގަވަރުނަރު ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އައިމިނަތު ޝައްފާނާ މުހައްމަދު އެވެ. ޝައްފާނާއާ އިނާމު ހަވާލުކޮށްދެއްވީ ގަވަރުނަރު ޑރ. އަޒީމާ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި މިދިޔަ އަހަރު އަމިނިއްޔާގައި ކިޔެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން އެކި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް ވަނީ އިނާމު ދީފަ އެވެ.
މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުން 305 ދަރިވަރަކު ގްރޭޑް 10 ނިންމައި ޖީސީއޯ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވާއިރު، އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 70 ދަރިވަރުން ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި އަށް މާއްދާއިން ފާސްވި ޕަސެންޓަކީ 40.66 އެވެ.