20 Aug 2014, 16:13
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ލެބޯޓަރީ އަޕްގުރޭޑް ކުރުމަށްޓަކައި، އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ތިން ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ތަކެތި ގަތުމަށް ސޮއި ކޮށްފައިވަނީ މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި މެޑްބެލް ޑަޔަގްނޯސްޓިކްސް އާއި އަދި މެޑިކުއިޕް ޕްރައިވެޓް ލިމިޓެޑާ އެކު އެވެ. ސަރުކާރުގެ ފަރާތުން އެ ތިން އެއްބަސްވުމުގައި ވެސް ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ސޮއި ކުރި ތިން އެއްބަސްވުމުގައި ގިނަ ބަލިތަކެއް ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ހިމެނޭނެ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގެ ލެބޯޓަރީއަށް ހޯދާ ތަކެއްޗަކީ ގައިންގަޔަށް އަރާ ބަލިތަކުގެ ވައިރަސް ދެނަގަތުމަށާއި ބަލިތަކުގެ ސާވައިލަންސް ތައާރަފް ކުރުމަށް ބޭނުންވާ މެޑިކަލް ކޮންސިއުބަލް އާއި އިކުއިޕްމަންޓާއި ކެމިކަލްގެ އިތުރުން ސޭފްޓީ ގިޔަރާއި އަދި ޓެސްޓިން ރިއެޖެންޓްސް ކަމަށް ހެލްތުން ބުނެ އެވެ.
މިނިސްޓަރު ވިދާޅުވީ، އިކުއިޕްމަންޓްތައް ލިބުމުން ހެޕެޓައިޓިސް ބީ، އެޗްއައިވީ ފަދަ ވައިރަސްތަކަށް ޓެސްޓު ކުރެވޭނެ ކަމަށެވެ.
އެ ޕްރޮޖެކްޓަކީ އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
"މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާއަށް އަރާ. އެހެންނަމަވެސް މިއަދު ބައެއް ތަކެތި ހޯދުމަށްޓަކައި އެގްރިމެންޓް ކުރެވިގެން މި ދިޔައީ ގާތްގަނޑަކަށް 8.1 މިލިއަން ރުފިޔާގެ ތަކެތި،" ހެލްތުމިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަށް ހޯދައި ދިނުމަށް މިއަދު ސޮއިކުރި ތިން ފަރާތާއެކު ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.