20 Aug 2014, 15:06
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި ލ. ކަލައިދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
"ސަން"އަށް މައުލޫމާތު ދެއްވި ކަޅައިދޫ ކައުންސިލްގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގެ ކަރާ ހައްދާ ދަނޑުތަކާއި އަދި އެ ނޫންވެސް ދަނޑުތައް އެއްކޮށް ހަލާކުވެފައިވާ ކަަމަށެވެ.
"މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން މި ރަށުގެ ދަނޑުބިންތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. އެގޮތުން ބައެއް ކަރާ ދަނޑުތަކާއި މިރުސް ދަނޑުތައް އަދި މިނޫންވެސް ބައެއް ދަނޑުތައް ވަނީ ހަލާކުވެފައި. ބައެއް ދަނޑުތައް އެއްކޮށް ވަނީ ހަލާކުވެފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަލައިދޫގައި 100 އަށްވުރެ ގިނަ ދަނޑުބިން ހުންނާނެ ކަމަށެވެ. އަދި ދަނޑުތަކަށް ވަމުންދާ ގެއްލުން ހައްލުކޮށް އަލުން ދަނޑު ގޮވާން ކުރެވޭނެ ގޮތެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ވެސް ކަލައިދުއަށް ވަަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ މަގުތަކަކީ ކިރިޔާ ވެސް ވާރޭކޮޅެއް ވެހިލާއިރަށް ފެން ބޮޑުވާ މަގުތަކެއް ކަަމަށް ވިދާޅުވި އެވެ.
ކަލައިދޫއަށް ކުރިމަތިވެފައިވާ އެފަދަ މައްސަލަތައް ހައްލުކުރަން ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ވެސް އެރަށު ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.