20 Aug 2014, 15:05
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް މިގަރުނު ނިމޭ އިރު ރާއްޖޭގެ ޖީޑީޕީގެ 12 ޕަސެންޓަށް އަރާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ( އޭޑީބީ) އިން ބުނެފި އެވެ.
އޭޑީބީން ނެރުނު ކްލައިމެޓް އެންޑް އިކޮނޮމިކް ރިޕޯޓްގައި ބުނެފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ރާއްޖެ އަށް ކަމަށެވެ. އަދި މޫސުމަށް ބަދަލު އައުމަކީ އެކި ފަހަރު އެކި ގޮތަށް ހިނގާ ކަމަކަށް ވާތީ ގެއްލުމުގެ މިންވަރު ޖީޑީޕީގެ 38 ޕަސެންޓާ އެއްވަރު ވުމުގެ ފުރުސަތު ވެސް ކޮންމެވެސް ވަރަކަށް އެބަ އޮތް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އޭޑީބީގެ ރިޕޯޓާ ގުޅިގެން އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތް ތަކަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވި ކަމަށް އެމިނިސްޓްރީން ބުނީ މިކަމަކީ ވޭތުވެދިޔަ 27 އަހަރު ރާއްޖޭގެ ފަރާތުން ބައިނަލް އަގުވާމީ މައިދާނުގައި، ނާޒުކުރު ބިންތިރި ގައުމުތަކަށް ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ވާކާލާތަށް ލިބުނު އިތުރު ޔަގީންކަމަކާ ހިތްވަރެއް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ދުވާލަކު ބޭނުންކުރާ ކަރަންޓްގެ 30 ޕަސެންޓަކީ އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއެއް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވަނީ ވިދާޅުވެފަ އެވެ.