ގްރީސްގެ މެދުތެރޭގައި އޮންނަ ސިޓީއެއް ކަމަށްވާ ލަރިއްސާގެ ކައިރީގައި ހުންނަ ޖަލަކަށް މޯބައިލް ފޯނުތަކަކާ އެކު ޑްރޯންއެއް ޖައްސައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެ ޖަލުން ފެނުނު ޑްރޯންގައި އައްސާފައި ހުރި ކާޑުބޯޑު ފޮއްޓެއްގެ ތެރޭގައި ފަސް މޯބައިލް ފޯނުގެ އިތުރުން ހަ ސިމް ކާޑާއި ދެ ހެޑްފޯނު ވެސް ހިމެނޭ ކަމަށް ގްރީސްގެ ނޫސް އޭޖެންސީތަކުން ބުނެއެވެ.

ބީބީސީ އިން ބުނީ، ރިމޯޓުން ކޮންޓްރޯލު ކޮށްގެން އުދުއްސާ އެ ޑްރޯން ކާމިޔާބުކަމާ އެކު އެ ޖަލު ވަށައިގެން އަޅާފައި ހުރި ފާރު ހުރަސްކޮށް ޖަލުތެރެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް ގިނައިރުތަކެއް ނުވަނީސް އެ ޖަލުގެ ގާޑަކަށް ޑްރޯން ފެނިގެން ބޮމެއް ކަމަށް ހީކޮށް އޭތި، ބޮމް ޑިސްޕޯސަލް ޔުނިޓާ ހަވާލުކުރީ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

ރިމޯޓު ކޮންޓްރޯލް ޑްރޯންއެއް ބޭނުންކޮށްގެން މޯބައިލް ފޯނުތަކަކާއި އެހެނިހެން ސާމާނު ޖަލަށް އެތެރެކުރަން މަސައްކަތްކުރި މީހަކު އަދި މިހާތަނަށް ހޯދިފައި ނުވާ އިރު ޖަލުގައި އެ ޑްރޯން ޖެއްސި ހިސާބުގައި މީހަކު ވެސް ފެންނަން ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.