މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު ހުޅުމާލެއިން މީހަކު ވެހިކަލަކަށް ލައިގެން ގެންދިޔަ ކަމަށް ބުނާ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޟުވާން ގެއްލުނު ހާދިސާއާ ގުޅިގެން އޭނާ މަސައްކަތް ކުރަމުން ގެންދިޔަ މިނިވަން ނިއުސް އިން ބުނެފައި ވަނީ ރިޟުވާން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އެޕާޓްމަންޓްގެ ކުރިމަތިން ބަޔަކު މީހަކު ވެހިކަލަކަށް ލައިގެން ގެންދިޔަ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން އެ ވެހިކަލް ދިޔަ ފަހުން އެތަނުން ވަޅިއެއް ފަދަ އެއްޗެއް ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެެވެ.

ރިޟުވާން ގެއްލިގެން އޭނާ ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަަސައްކަތުގެ މައުުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ރިޟުވާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ސަރަހައްދުން މީހަކު ވެހިކަލަކަށް އަރުވައިގެން ބަޔަކު ގެންދިޔަ ކަމަށް ބުނާ މައްސަލަ ވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އެފަދަ ހާދިސާއެއް [ރިޟުވާން ހުޅުމާލޭގައި އުޅޭ ގެ ހުންނަ މަގުން މީހަކު ވެހިކަލަކަށް ލައިގެން ބަޔަކު ގަދަކަމުން ގެންދިޔަ] ހިނގައި ފުލުހުންނަށް ރިޕޯޓް ކުރެވިފައި އެބަ އޮތް. އެހެން ނަމަވެސް އެ ހާދިސާއާ ރިޟުވާންއާ ގުޅުން އޮތް ކަން އަދި އެނގިފައެއް ނުވޭ. އެކަމަކު އެމަގުގައި ތަހުގީގު އެބަ ހިނގާ، އަދި އިތުރު ލައިންތަކުގައި ވެސް ފުލުހުންގެ ތަހުގީގު ކުރިއަށް އެބަދޭ،" އުމަރު ވިދާޅުވި އެވެ.

މީޑިއާގެ އެއްވެސް ފަރާތަކުން ރިޟުވާނާ ބެހޭ މަައުލޫމާތެއް އެ މީޑިއާއަކުން ހާމަކުރުމުގެ ކުރިން އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށް ދިނުމަށް އުމަރު އެދިވަޑައިގެންނެވި އެވެ. އަދި އެފަދަ ބައެއް މައުލޫމާތުތައް ފުލުހުންނާ ހަމައަށް އައުމުގެ ކުރިން މީޑިޔާ އިން އާއްމުކޮށްފި ނަމަ ފުލުހުންގެ ތަހުގީގަށް ބައެއް ކަހަލަ ހުރަސް އެޅިގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިޟުވާން ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ 40 ފުލުހަކު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ އެންމެ މަތީ ގިޔަރުގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ރިޟުވާން ހޯދުމަށް ފުލުހުންނާ ގުޅިގެން ސިފައިން ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގައި އިތުރު ވަސީލަތްތައް ބޭނުންވެއްޖެ ނަމަ އެ ކަންތައްތައް ވެސް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމުގައި އުމަރު ވިދާޅުވި އެވެ.