ފަލަސްތީނުގެ ޣައްޒާގައި މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހެޅި ޕެޓިޝަން ބަލައިގަނެވެން ނެތް ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހދ. ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ މިއަދު 'ސަން'އަށް ވިދާޅުވީ ކޮމިޓީ އަށް އެ މައްސަލަ ހުށައަޅާފައި ވަނީ ޕެޓިޝަން ހުށައެޅުމުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެ ޕެޓިޝަން ހުށައަޅާފައިވާ ހާލަތު ވެސް ރަނގަޅު ނޫން ކަމަށެވެ.

"އޭގައި އެބަ ހުރި ލިޔުމުގެ ކުށް ވެސް. ލިޔުމުގެ ވަކި ހިސާބަކުން މި ޕެޓިޝަންއޭ ކިޔަމުންގޮސް ފަހުން އޮތީ މި ގަރާރުގައޭ ބުނެފައި. އަދި އެ ޕެޓިޝަން ހުށައެޅިފައި އޮތް ހާލަތު ވެސް މަޖިލީހުގެ ގަވާއިދުން ތަން ނުދޭތީ އަޅުގަނޑުމެންނަށް އެ ޕެޓިޝަން، ޕެޓިޝަން އެއްގެ ގޮތުގައި ބަލައިގަނެވެން ނެތީ،" ޝަހުދީ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެއީ ބަޔަކު މީހުން ރަނގަޅު ނިޔަތެއްގައި ބުރަ މަސައްކަތުން ކޮށްފައި އޮތް ކަމަކަށް ވާތީ ކޮމިޓީގެ ގަވާއިދުގައި ހުރި ގޮތަށް ނޫނަސް އެ ޕެޓިޝަން ބަލައިގެންފައި ސަރުކާރު މެދުވެރިކޮށް ހުށައެޅި ފަރާތަށް ޖަވާބެއް އަރުވާނެ ކަމަށެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އަށް އައުން މަނާކުރުމުގެ އިތުރުން އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލަން އެދިފައިވާ އެ ޕެޓިޝަނުގައި 12،000 އަށް ވުރެ ގިނަ ދިވެހިން ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް ސައްޙަ އައިޑީކާޑު ނަންބަރު ނެތުމުން ގިނަ ސޮއިތަކެއް ބާތިލުކޮށް ކޮމިޓީއަށް ހުށައަޅާފައި ވަނީ 10385 މީހުންގެ ސޮއިއާ އެކުގަ އެވެ.

އެ ކޮމެޓީގެ މުގައްރިރަކީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.