16 Jan 2011, 18:09
ބިދޭސީންގެ ވޯކް ވިސާއާއި ބެހޭ އޮފީސް ކުރީގެ އަސަރީ ކެފޭ ހުރި އިމާރާތަށް ބަދަލުކޮށްފި އެވެ.
އިމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވީ، އެ އޮފީސް ބަދަލުކޮށްފައިވާ ނަމަވެސް އަދި އެ އޮފީހުގެ މަސައްކަތްތައް ނުފެށޭ ކަމަށެވެ. އިތުރު މައުލޫމާތު އެނގިލައްވާނީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސޭނަށް ކަމަށެވެ.
"އަސަރީ ގެއަށް މިއަދު ވަނީ ބަދަލުކޮށްފައި. އެހެންނަމަވެސް އަދި މަސައްކަތްތަކެއް ނުފެށޭ. މަސައްކަތްތައް ފެށޭނެ ދުވަހެއް އެނގިލައްވާނީ ކޮންޓްރޯލާ އަށް. މަސައްކަތްތައް ފެށޭނެ ދުވަހަކާ މެދު އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭގެ." އާދަމް ނަސީރު ވިދާޅުވި އެވެ.
ސަން އިން އިލްޔާސް އަށް ގުޅުމުން މިއަދު ވިދާޅުވީ، އޭނާ އުޅުއްވަނީ "ބިޒީ" ކޮށް ކަމަށް ޚަބަރުގައި ލިޔުމުން ރަނގަޅު ވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބިޒީކޮށް މިއުޅެނީ. އަޅުގަނޑު މި އުޅެނީ ބިޒީކޮށޭ ހަބަރުގަ ލިޔުއްވީމަ ރަނގަޅު ވާނޭ." އިލްޔާސް ވިދާޅުވި އެވެ.
މީގެ އެއްމަސް ދުވަސް ކުރިން ވޯކް ވިސާއާ ބެހޭ އޮފީސް މ. އަސަރީ ގެއަށް ބަދަލުކުމުގެ މަސައްކަތް ވޯކް ވިސާ ނެތް ބިދޭސީން ލައްވައި އިމިގްރޭޝަނުން ކުރުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް، އެފަހަރު އިލްޔާސް ވިދާޅުވެފައިވަނީ، އިމިގްރޭޝަނުގެ އެއްވެސް އޮފީހެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.
ނަމަވެސް، އެންމެ ފަހުން ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ވަނީ އެކަން ސަން އަށް ކަށަވަރު ކޮށްދެއްވާފައި އެވެ.
"ވޯކްވިސާ އާއި އެއްޗެހި ބަލައިގަންނަ އޮފީސް ކުރީގެ އަސަރީ ކެފޭ ހިނގި އިމާރާތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަނީ. އޭގެ ބައެއް މީހުން ވެސް [ވޯކް ވިސާ ހިފަހައްޓާފައި ތިބި ބިދޭސީން] މަސައްކަތް ކުރަމުން އެބަގެންދޭ އަގުދޭގޮތަށް. ހުއްދަ ދެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނުދެންނެވޭނެ. ކޮންޓްރޯލާ އާ ގުޅުއްވައިގެން ސަފުކޮށްލައްވާ." އާދަމް ނަސީރު ވިދާޅުވެފައި ވެއެވެ.