20 Aug 2014, 14:28
ސޫރިޔާގައި 2012 ވަނަ އަހަރު ވަގަށް ނަގާފައިވާ އެމެރިކާގެ ފޮޓޯ ޖާނަލިސްޓެއްގެ ބޯ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތުން ކަނޑާލާ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.
އެމެރިކާގެ ދެ ނޫހަކަށް ފްރީންލާންސްކޮށް މަސައްކަތް ކުރަމުން އަންނަނިކޮށް ހަނގުރާމަވެރިން ވަގަށް ނެގި އުމުރުން 40 އަހަރުގެ ރައިޓް ފޮލޭ މަރާ އެ މަންޒަރު ފެންނަ ވީޑިއޯ އައިއެސް އިން އާއްމުކުރީ އެމެރިކާ އަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް އައި އެސް އިން ވަނީ ބުނެފަ އެވެ.
ފޮލޭ މަރާލާ މަންޒަރު ފެންނަ ވީޑިއޯގައި އޭނާ ލައްވައި އައިއެސްގެ ހަނގުރާމަވެރިން ވަނީ ވާހަކަ ދައްކުވައިފަ އެވެ. އެގޮތުން ދެއްކި ވާހަކައިގައި އޭނާ ބުނެފައި ވަނީ އެމެރިކާ އިން މިފަހަރު އިރާގަށް ބޮން އަޅަން ފެށި ފެށުމަކީ އޭނާ މަރުވުމަށް މެދުވެރިވި ސަބަބު ކަމަށެވެ. އަދި އޭނާގެ އަސްލު ގާތިލުން ކަމަށްވާ އެމެރިކާއާ ދެކޮޅަށް ތެދުވުމަށް އޭނާގެ އާއިލާއާއި އެކުވެރިންނަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.
ވީޑިއޯގައި ވާހަކަ ދައްކާ އައިއެސްގެ ހަނގުރާމަވެރިޔާ ބުނެފައި ވަނީ އެމެރިކާ އިން ވަނީ އެމީހުންނާ ދެކޮޅަށް ރޭވުންތައް ރާވާފައި ކަމަށާއި އެމެރިކާގެ ވައިގެ ސިފައިން އިރާގަށް ކޮންމެ ދުވަހަކު ބޮން އަޅަމުންދާ ކަމަށެވެ.
ފޮލޭ މަރާލާ މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަނީ އެމެރިކާ އިން ކިއުބާގައި ހިންގާ އަނިޔާވެރި ގުއާންޓެނާމޯބޭ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ލައްވާފައި ތިބޭ ވައްތަރުގެ އޮރެންޖް ކްލައިގެ ހެދުމެއްގައި އޭނާ ހުއްޓަ އެވެ.