20 Aug 2014, 14:09
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހަކީ ސަރުކާރުގެ ފަރާތުން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީގެ ގުރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ލާމަރުކަަޒީ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރުމުގެ މަރުހަލާގައި ޕީޕީއެމަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ރިޔާޒު އިސްލާޙް ހުށަހަޅުއްވާފައި ވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިތާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅިފަ އޮތް އިސްލާހަކީ އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލަން ބޭނުންވޭ މަޖިލީހުގެ ހުރިހައި މެންބަރުންގެ ސަމާލުކަމަށް މީކީ ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލެއް ނޫން. މިއީ ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޭނާގެ އަމިއްލަ ހައިސިއްޔަތުން ހުށަހަޅުއްވައިގެން އުޅުއްވާ ބިލެއް،" ޕީޕީއެމަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަކީ ވަރަށް ބޮޑަށް އިސްލާޙު ކުރަން ޖެހިފައިވާ ގާނޫނެއް ކަަމަށާއި މިހާރު އެ ގާނޫނު އޮތް ގޮތުން ދިވެހި ދައުލަތަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަަށެވެ. އެހެން ކަމުން ލާމަރުކަޒީ ގާނޫނަކީ "އެތިއެތި ކޮޅުން" ގެނެސްގެން އިސްލާޙް ކުރެވޭނެ ގާނޫނެއް ނޫން ކަަމަށާއި އެ ގާނޫނު އިސްލާޙް ކުރަން ޖެހޭނީ އެކީ އެކައްޗަކަށް ކަަމަށެވެ.
އޭނާ ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދު ނުކުރާ ކަމަށާއި ކައުންސިލްތަކަށް ދޭން ޖެހޭ ބާރުތައް ދޭން ޖެހޭ ކަަމަށެވެ. އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެލްޖީއޭއާ މަޝްވަރާކޮށްގެން ގާނޫނަށް ގެންނަން ޖެހޭ އިސްލާޙު ގެނައުން މުހިއްމު ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
ސަރުކާރުގެ ހުއްދަ ނެތި ކައުންސިލްތަކަށް ބިންތައް ނުނެގޭ ގޮތަށް ހުށަހަޅާފައިވާ ބިލަށް އަލީ އާރިފް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ގާނޫނީ އިމުން ބޭރުން މަސައްކަތްކުރާ ކައުންސިލްތަކުގެ ސަބަބުން ގާނުނުގެ ތެރެއިން މަސައްކަތްކުރާ ކައުންސިލްތަކަށް އަދަބު ލިބިގެން ނުވާނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ރިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރުމުގެ މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެ ގާނޫނަށް އިސްލާޙު ހުށަހެޅުއްުމުގެ ބޭނަމަކީ އެ ގާނޫނުގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާޙުތައް ފާސްވެއްޖެނަމަ ލާމަރުކަޒީ ގާނޫނުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ރިޔާޒު ހުށަހަޅުއްވަފައިވާ އިސްލާހުން ފެނިގެންދަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުވެރިކަމުގައި ސަރުކާރުން "އަތް އަޅުއްވަން މަސައްކަތް ކުރައްވާ މަންޒަރު" ކަަމަށެވެ.
އެ އިސްލާޙު ހުށަހެޅުއްވި ބޭނުމަކީ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން އެ މީހުން އަމިއްލައަށް މަސައްކަތް ކުރުމަށް ލިބިފައިވާ ފުރުސަތު ގެއްލުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައިވާ ގޮތުން ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލްތަކަށް ބިމާ ބެހޭ މުއާމަލާތެއް ނުކުރެވޭނެ އެވެ.