މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕްގައި ކްލަބް ވިޗެންޒާ އަތުން ސްޕޯޓްސް ކްލަބު ގުޑީސް ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގެ ރޭ ކުޅުނު މެޗުން ގުޑީސް މޮޅުވީ ވިޗެންޒާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގުޑީސްއިން ކާމިޔާބުކުރީ 25-15، 25-22 އަދި 29-27 ޕޮއިންޓުންނެވެ.

ގުޑީސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެ ކްލަބު ޖަވާމް އަލީ އެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ވެސް މެޗެއް ކުޅުނެވެ. އެ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ވަނީ ޔޫތު ސްޕޯޓްސް ކްލަބު އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ޔޫތު ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ 34-32 ކުރި ނަމަވެސް، ސްޕޯޓްސް ކްލަބު ސިޓީއިން ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. ސްޕޯޓްސް ކްލަބު ސިޓީއިން އެ ސެޓުތައް ކާމިޔާބުކުރީ 28-26، 25-13 އަދި 28-26 ޕޮއިންޓުންނެވެ.

މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ޕޮލިސް ކްލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.